ވެމްކޯގެ ވެހިކަލެއް ހުއްޓުވައި އޭގައި އިން މީހަކަށް އަނިޔާ ކުރި މައްސަލައަކާ ގުޅިގެން، ކުރިން ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ މީހަކު ހައްޔަރުކޮށްފިއެވެ.
މާރާމާރީގެ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. ގަން، ތުނޑި، ހަނދުވަރީހިޔާ އަހްމަދު ޝައްމޫންއެވެ.
ޝައްމޫން ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށްވަނީ ފަސް ދުވަސް ޖަހައިފައެވެ. އޭނާގެ މައްޗަށް ފުލުހުން ކޮށްފައިވަނީ މާރާމާރީގެ ތުހުމަތެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި އަހްމަދު ޝައްމޫންއަކީ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ކުރިން އުފުލާފައިވާ މީހެކެވެ. އެއީ، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދި މައްސަލައެކެވެ.
އެ މައްސަލައިގައި ދައުލަތުންވަނީ، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ދައުވާ ވެސް ޝައްމޫންގެ މައްޗަށް އުފުލާފައެވެ.




