ރާއްޖޭގައި ޤާއިމުވެ ތިބި އިންޑިއާގެ ސިފައިންގެ ފަހު ބެޗު ރާއްޖެއިން ދިޔުމާއިއެކު މިވަގުތު ރާއްޖޭގައި އިންޑިއާ ސިފައިންގެ އެއްވެސް މީހަކު ނުހުންނާނެ ކަން އިންޑިއާއިން ހާމަކޮށްފިއެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ޤައުމަށް އައިސްފައިވާ ކަމަށެވެ.
އަދި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރަން ސިފައިންގެ ބަދަލުގައި މަދަނީ ފަރާތްތަކެއް މިހާރު ރާއްޖެއަށް ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ރިޔާސީ ވައުދުފުޅެކެވެ.



