އަދާލަތު ޕާޓީގެ އާ ރައީސަކަށް ޝެއިހް މުހައްމަދު ޝިފާން މިއަދު އިންތިހާބުކޮށްފިއެވެ.
އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީގެ ހަތަރު ވަނަ ދައުރުގެ ރައީސަކު ހޮވަން މިއަދު ބޭއްވި އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން 99 ޕަސެންޓް ވޯޓާއެކު ޝެއިހް ޝިފާން އެ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ.
އަދާލަތު ޕާޓީން ޕަސެންޓޭޖު އާއްމުކުރި ނަމަވެސް އެއީ ކިތައް ވޯޓު ކަމެއް އަދި ވޯޓުލީ މީހުންގެ ސީދާ އަދަދެއް އެ ޕާޓީން ހާމައެއް ނުކުރެއެވެ.
އާ ރައީސަކަށް މިއަދު އިންތިހާބުވީ ޝެއިހު ޝިފާން މިވަގުތު ހުންނެވީ އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމުގައެވެ. އޭނާގެ ރަނިންމޭޓަކީ ޝެއިހް އަބްދުﷲ ރަޝީދެވެ.
އަދާލަތު ޕާޓީން ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ:
° ކެނޑިޑޭޓު ނަންބަރު 1: ޝެއިހް މުހައްމަދު ޝިފާން: 99 ޕަސެންޓް
° ކެނޑިޑޭޓު ނަންބަރު 2: އިކްރާމް އަބްދުއްސައްތާރު: އެއް ޕަސެންޓް
އެ ޕާޓީން ބުނި ގޮތުގައި މިއަދުގެ އިންތިހާބުގައި ވޯޓުލާފައިވަނީ ވޯޓުލެވޭ މީހުންގެ 22 ޕަސެންޓެވެ.
އަދާލަތު ޕާޓީގެ ރައީސްކަމަށް ޝެއިހް ޝިފާން އިންތިހާބުކުރީ އެ ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ދައުރު ހަމަވުމުންނެވެ.



