ހުޅުމާލޭ ޗަނބޭލީ 5 ގޯޅިތެރޭގައި ހުރި ގުދަނެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައި، މުދަލާއި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭ ފޭސް 1ގެ ލޮޓް ނަންބަރު 11154 ގޭގައި ހުރި ގުދަނެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ރޭ ދަންވަރު 03:30 ހާއިރު އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނަށް ލިބުނު ކަމަށާއި ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެގޮތުން ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 03:40 ހާއިރު ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައޮ ރޯވި އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫގަނޑު ތަޅައިގެންގޮސް ގުދަނުގެ ތެރެއަށް އަލިފާންގަނޑު ފެތުރި އެތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންއަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި އިމާރާތުގައި ކަރަންޓު ނެތުމުގެ ސަބަބުން އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަަމަށްވެެސް ވިދާޅުވިއެވެ.




