އެމްޑީޕީގެ އިސް މަގާމުތަކަށް އަންނަ ފަރާތްތަކާއި، އެ ޕާޓީ މެދުވެރިކޮށް އިންތިހާބީ މަގާމުތަކަށް އަންނަނީ ވެސް ގާނޫނުއަސާސީއަށް އެއްވެސް އިހުތިރާމެއް ކުރާ ބައެއް ނޫންކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މެންބަރު ފަލާހު މިހެން ވިދާޅުވީ ފުވައްމުލަކުގައި ރޭ ޕީއެންސީން ކުރިޔަށް ގެންދިޔަ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މެންބަރު ފަލާހު ވިދާޅުވީ، އެމްޑީޕީން ސިޔާސީ މައިދާނަށް މީހުން ތަމްރީނުކޮށް ނެރެނީ ވަރަށް ނުބައި ސިފައެއްގައި ކަމަށާއި އަދި އެ ޕާޓީގެ ފަރާތުން ރަށްރަށުގެ ކައުންސިލްތަކަށާއި ރައްޔިތުންގެ މަޖިލީހަށް އަންނަ މެންބަރުންނަކީ ގާނޫނުއަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާ ބައެއް ނޫންކަމަށެވެ.
ފަލާހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ވަރަށް ޒުވާން، މުރާލި އަދި ގައުމުދެކެ ލޯބިވާ އިހުލާސްތެރި ބޭފުޅެއް ކަމަށެވެ. އަދި އެފަދަ ތެދުވެރި، އަމާނާތްތެރި ވެރިއަކު ގައުމަކަށް ލިބެނީ ވަރަށް މަދު ހާލަތެއްގައި ކަމަށްވެސް ވިދާޅުވި އެވެ.
”މިއަދުވެސް މި ސިޓީން އަޅުގަނޑުމެންނާ ބައްދަލުވި ރައްޔިތުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށް. ރައީސް ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެނަމަ، އެކަމެއް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އެބައޮތް“ މެންބަރު ފަލާހު ވިދާޅުވިއެވެ.
މީގެއިތުރުން ފަލާހު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ އަވަށްޓެރި ސްރީލަންކާއަށް ދިމާވި ފަދަ ނުރައްކާތެރި ކާރިސާއެއްގެ ދިމާވުމުގެ ނާޒުކު ހާލަތެއްގަ އެވެ. ނަމަވެސް ރައީސްގެ ހިކުމަތްތެރިކަމާއެކު އެ ހާލަތުން ގައުމު ސަލާމަތްކޮށްދެއްވާނެ ކަމުގެ އިތުބާރު ރައްޔިތުންނަށް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.




