ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރުމުން ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރި، އާއްމު އިޖްތިމާއީ ހިދުމަތްތެރިޔާ، ހިޝާން އަހުމަދު އަޔަލޭންޑުން ހިމާޔަތް ހޯދައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންގެ ހައްގުގައި ވަކާލާތުކޮށް އެތައް އަހަރެއްވަންދެން އެފަދަ މީހުންގެ ހައްގުގައި އަޑުއުފުލަމުން ދިޔަ ހިޝާންގެ މައްޗަށް ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރީ، މީގެ ހަތް އަހަރު ކުރިންނެވެ. އެ ތުހުމަތު ކޮށްފައިވަނީ އޭނާ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރުގެ މަގާމުގައި ހުއްޓައެވެ.
އެ މައްސަލައާ ގުޅިގެން ހިޝާން ފުލުސް އޮފީހަށް ހާޒިރުކޮށް، ބަޔާންތައް ނެގިއެވެ. އަދި އޭނާގެ އަތުން އެމްބެސެޑަރުގެ މަގާމު ވެސް އަތުލި އެވެ.
ނަމަވެސް އެ ތުހުމަތުތަކަށް ހިޝާން އަބަދުވެސް ދިޔައީ އެކަމަށް އިންކާރު ކުރަމުންނެވެ. އަދި ރާއްޖޭގައި ދިރިއުޅެން ދެން އެނބުރި ނާންނާނެ ކަމަށް ބުނަމުން އަހަރެއް ފަހުން އޭނާ ތުރުކީއަށް ދިރިއުޅުން ބަދަލު ކުރިއެވެ.
ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ދޮގު ތުހުމަތުތަކެއް ކަމާއި ރާއްޖޭގައި ދިރިއުޅޭ ނަމަ އޭނާގެ ފުރާނައަށް ނުރައްކާ އޮތް ކަމަށް ބުނެ ހިޝާން ވަނީ އަޔަލޭންޑުން ހިމާޔަތް ހޯދުމަށް ހުށަހަޅާފަ އެވެ. އަދި އެ ގައުމުގެ ސަރުކާރުން މިދިޔަ މަހު ފަހުކޮޅު ވަނީ އޭނާގެ ހުށަހެޅުން ގަބޫލުކޮށް ހިމާޔަތްކަން ދީފައެވެ.
ހިޝާން ބުނި ގޮތުގައި އަޔަލޭންޑުން އޭނާއަށް ހިމާޔަތް ދިނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް މިހާތަނަށް ހެއްކެއް ނުދެއްކި އަދި އެކަން ސާބިތުކުރެވިފައި ނުވުމުން ކަމަށެވެ. އަދި އެ ތުހުމަތުތަކާ ގުޅިގެން އޭނާއަށް ރާއްޖޭން ރައްކާތެރިކަން ނުލިބުމާއި މިހާތަނަށް އިންސާފު ލިިބިފައި ނުވުމުން ކަމަށް ވެސް ހިޝާން ބުނެފައިވެއެވެ.



