ރާއްޖޭގެ ވައި ނުސާފުވާ މައްސަލައަކީ އާންމު ސިއްހަތަށާއި ތިމާވެއްޓަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ގަބޫލުކުރާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިދިޔަ ހަފުތާގައި ބުނީ، ޓްރާންސްބައުންޑާ ހޭޒް/ޕޮލިއުޝަންގެ ސަބަބުން ރާއްޖޭގެ ވައި ނުސާފުވުމަށް މިހާރު ދިމާވާ މައްސަލައަކީ އާންމު ސިއްހަތަށާއި ތިމާވެއްޓަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އަދި އެކަމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއްދޭ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ވައިގެ ސާފު މިނުގެ ހާލަތު ދެނެގަތުމަށް، ވަކިން ހާއްސަކޮށް ޓްރާންސްބައުންޑާ އެއާ ޕޮލިއުޝަން ދިރާސާކުރުމުގެ މަސައްކަތް މެޓް އޮފީހުގެ ހދ. ހަނިމާދޫ މޯލްޑިވްސް ކްލައިމެޓް އޮބްޒަވޭޓަރުން ކުރާ ކަމަށެވެ. އަދި އެ ދާއިރާއިން މިހާތަނަށް ކުރި ދިރާސާތައް އެކި ސައިންޓިފިކް ޖާނަލްތަކުގައި ޝާއިއު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
”ވައިގެ ކޮލިޓީ މޮނިޓާކުރުން ހަރުދަނާ ކުރުމަށް، ރެގިއުލޭޓާ ރެފަރެންސް ގްރޭޑް ސްޓޭޝަންތައް ގާއިމުކުރުމަށް ޕްރޮޖެކްޓެއް އެކުލަވާލާ ކުރިއަށް އެބަދޭ. މި ޕްރޮޖެކްޓުގެ ދަށުން މާލެ ސިޓީގައި އެއާ ކޮލިޓީ މޮނިޓަރިން ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން“ މިނިސްޓްރީން ބުންޏެވެ.



