ބޭހާއި އެކި ކެމިކަލް ފަދަ ބާވަތްތައް އެތެރެކުރުމަށް ހުއްދަ ދޫކުރުމުގައި ހުރި ދަތިތައް ހައްލުކުރުމާ ގުޅޭ ގޮތުން ކަސްޓަމްސް އިން އިއްޔެ މަޝްވަރާކޮށްފިއެވެ.
މިކަމާ ބެހޭގޮތުން ކަސްޓަމްސްއިން ބުނީ، ރާއްޖެއަށް މުދާ އެތެރެކޮށް ބޭރުކުރުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތައް ހިމެނޭހެން އެއް ދުވަހުގެ ފޯރަމެއް އިއްޔެ ބޭއްވި ކަމަށެވެ.
ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި މުދާތައް ކްލިއާކުރުމުގައި ހަރަކާތްތެރިވާ އޭޖެންޓުން ހިމެނޭހެން 60 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވި މި ފޯރަމުގައި، ރާއްޖެއަށް މުދާ އެތެރެކުރުމާއި ރާއްޖޭން މުދާ ބޭރުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
އެގޮތުން ރާއްޖެއަށް އެތެރެކުރާ ކެމިކަލްގެ ބާވަތްތަކުން ހުއްދަ ދޫކުރުމާއި، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ކްލިއާކުރުމުގައި ހުރި ދަތިތަކަށް ހައްލު ގެންނާނެ ގޮތްތަކާއި، ގަސްގަހާއިގެއްސާއި ޖަނަވާރު ބާވަތްތައް އެތެރެކުރުމުގެ ކަންކަން މިހާރަށްވުރެ ފަސޭހަކުރުމާއި، އިމާރާތްކުރުމުގެ ސާމާނު އެތެރެކުރުމަށް ހުއްދަދޭ އުސޫލުތައް ލުއިފަސޭހަކުރުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެެވެ.




