މާލެއަށް ބަރޯސާނުވެ، އަތޮޅުތަކުގައި ތިބެގެން ފަސޭހަކަމާއެކު އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން، އަތޮޅުތަކުގައި ހުޅުވާ ފުރަތަމަ އައިނު ފިހާރަ އައްޑޫ ސިޓީގައި ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
ރައްޔިތުން އައިނު ހައްދަން ކުރާ ބޮޑު ހޭދައަށް ލުޔެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅުގެ ދަށުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) އިން މިހާރު ދަނީ އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ”އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް“ ގެ ނަމުގައި އައިނު ފިހާރަ ހުޅުވައި ޚިދުމަތް ދެމުންނެވެ.
އަތޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގައި މިހާރު ވަނީ އައިނު ފިހާރަ ޤާއިމުކޮށް ނިންމާލާފައެވެ. އައިޖީއެމްއެޗް އިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ފިހާރައިގެ އައިނު ހަރުތަކާއި ލޯ ދެއްކުމަށް ޚާއްޞަ ކުރެވިފައިވާ ބައިގެ މަސައްކަތްތައް އެއްކޮށް ނިމިފައިވާއިރު، އަންނަ ފެބުރުވަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި މި ފިހާރަ ރަސްމީކޮށް ހުޅުވޭނެއެވެ.
މާލެ ސަރަހައްދަށް ބަރޯސާނުވެ އަމިއްލަ ރަށުގައި ތިބެގެން އަސާސީ ޚިދުމަތްތައް ހޯދޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އެގޮތުން އައްޑޫގެ އިތުރުން ކުޅުދުއްފުށީ ސިޓީގައިވެސް ސަރުކާރުގެ އައިނު ފިހާރައެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އާސަންދަ ސްކީމްގެ ދަށުން މިހާރުވެސް މާލެ ސަރަހައްދުގެ ކްލިނިކްތަކާއި އައިނު ފިހާރަތައް ހިމެނޭހެން ޖުމްލަ 18 ތަނަކުން އަންނަނީ އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، ރައްޔިތުންނަށް ދޭ ލުޔެއްގެ ގޮތުން، އައިނު ހެއްދުމަށް ހެލްތު އިންޝުއަރެންސްގެ ދަށުން މީގެ ކުރިން ދެމުންދިޔަ 1000 ރުފިޔާގެ އެހީ، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ވަނީ 2000 ރުފިޔާއަށް ބޮޑުކޮށްފައެވެ.



