ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗު ފްރަންޓުން 13 ބިމެއް، ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ދިވެހިންނަށް މިއަދު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެޗްޑީސީ އިން މިއަދު އާންމުރި އިއުލާނެއްގައި ބުނީ މި 13 ބިން ބިޑް ޕޯޓަލް މެދުވެރިކޮށް ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބިންތަކުގެ ތެރޭގައި 1864 އަކަފޫޓާއި 2408 އަކަފޫޓު ދެމެދުގެ ބިން ހިމެނޭކަމަށް އެޗްޑީސީ އިން ބުންޔެވެ.
ބީލަން ހުށަހެޅުމުގެ ޝަރުތު ތަކުގެ ތެރޭގައި ހިމަނާފައިވަނި 18 އަހަރުން މަތީގެ ދިވެހި ރައްޔިތެއް ކަމުގައިވުން، ނުވަތަ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޔެއް ކަމުގައި ވުމެވެ.
މި 13 ބިން ވިއްކުމަށް އެޗްޑީސީ އިން ނިންމާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާއަކީ ޕޯޓަލް މެދުވެރިކޮށް ޝައުގުވެރިވެލައްވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމެވެ. އަދި އެއްށް ފަހު އެއް ފަރާތައްވުރެ ގިނަ ފަރާރތުން އީއޯއައި ހުށަހަޅާފައިވާނަމަ އެ ބިމަކަށް ބިޑް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ބިންތައް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ޕޯޓަލްގައި ރަޖިސްޓްރީ ކޮށް، މިއަދުން ފެށިގެން ބީލަން ހުށަހެޅޭނެ ކަމަށް އެޗްޑީސީއިން ބުންޔެވެ. އަދި މިކަމާ ގުޅޭ މައުލުމާތު އެޗްޑީސީގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުމުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޔެވެ.
އެޗްޑީސީ ގެ ބިޑް ޕޯޓަލްގެ ލިންކު:https://bids.hdc.com.mv/




