”ފިތުރު ޕޯޓަލް“ ގެ ނަމުގައި، ނަގުދު ފައިސާއިން ބަލައިގަންނަ ފިތުރު ޒަކާތުގެ މައުލޫމާތު ފެންނާނެ ޑިޖިޓަލް ޕޯޓަލެއް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ތައާރަފުކޮށްފިއެވެ.
ޒަކާތު ހައުސްގެ ވެބްސައިޓުގައި ބުނީ މިއީ ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ މީހުންނަށް ނަގުދު ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށްޓަކައި ތައާރަފްކުރި ޕޯޓަލެއް ކަމަށެވެ.
ޒަކާތު ހައުސްއިން ބުނި ގޮތުގައި މި ޕޯޓަލުން:
° ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުސޫލަކުން އެކަން ކުރިއަށް ގެންދެވޭނެ
° ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ މުއާމަލާތްތައް މި ޕޯޓަލް މެދުވެރިކޮށް ވަގުތުން ބެލުމުގެ ފުރުސަތު ޒަކާތު ހައުސްއަށް ލިބޭނެ
° އެހެން އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިތުރު ޒަކާތުގެ ސައްހަ، ޖުމްލަ އަދަދުތައް ކޮންމެ ދުވަހަކު ވެސް ބަލައިލެވޭނެ
ޒަކާތު ހައުސް އިން ބުނީ މިގޮތަށް ހުރިހާ މައުލޫމާތެއް އެއް ނިޒާމަކުން ވަގުތުން ބަލައިލެވުމުގެ ސަބަބުން، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ގޮތަށް ރޯދަ މަސް ނިމޭތަނުން ލަސްނުކޮށް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފިތުރު ޒަކާތް ލިބުން ހައްގުވާ މީހުންނަށް އަވަސްކަމާއި ހަމަހަމަކަމާ އެކު ޒަކާތް ބެހުމަށް މަގުފަހިވާނެ ކަމަށެވެ.



