ގްރޭޑު 10 ނުވަތަ ސާނަވީ ތައުލީމު ނިންމާ ހަދާ އޯލެވެލް އިމްތިހާނު، ފަސް އަހަރަށް ފަހު ފުރަތަމަ ފަހަރަށް މި އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރަށް ބަދަލުކޮށްފިއެވެ.
ރާއްޖޭގައި މީގެކުރިން އޯ ލެވެލް އިމްތިހާނު ހަދަނީ އެ އަހަރެއްގެ ނިމޭކޮޅެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމަށްފަހު ތައުލީމީ ކަލަންޑަރަށް އައި ބަދަލާއެކު އޯ ލެވެލް އިމްތިހާނު ހަދާ ތާރީހުވެސް ވަނީ އަހަރުގެ ކުރީ ކޮޅަށް ބަދަލު ވެފައެވެ.
އެގޮތުން ކޮވިޑަށްފަހު ސަރުކާރުން ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ތާރީހު އަހަރުގެ މެދުތެރެއަށް ބަދަލުކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައި ފަހުން އިހު އޮތް ގޮތަށް އަހަރުގެ ކުރީކޮޅު ސްކޫލްތައް ފަށާ ގޮތަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން 2020 އަހަރުގެ އޯލެވެލް އިމްތިހާނު ފަސްވެ، ބޭއްވޭ ގޮތްވީ، 2021ގެ މެއި/ޖޫން ގައެވެ. އަދި 2022 ވަނަ އަހަރުގެ އިމްތިހާނު ބޭއްވީ މެއި މަހުގެ ތެރޭގައެވެ.
މިހާރު ދަރިވަރުން ކިޔަވަމުން އަންނަ ގޮތަށް ބަލާއިރު، މިދިޔަ އަހަރު ގްރޭޑް ދިހައެއްގައި ކިޔެވި ދަރިވަރުން އޯލެވެލް ހަދަން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގައެވެ. މިހާރު އޭލެވެލް އިމްތިހާނު ވެސް ކުރިއަށް ގެންދަނީ އޮކްޓޫބަރު/ނޮވެމްބަރު މަހުގެ ތެެރޭގަ އެވެ. އެހެންވެ، އަލަށް އައި މި ބަދަލާއެކު ދެ އިމްތިހާނު ވެސް ކުރިއަށް ދާނީ އެދުވަސްވަރުގައެވެ.



