ރާއްޖެއަށް ޗާގޯސް ދީގެން، ޑިއެގޯ ގާސިއާގައި އެމެރިކާއިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒު ގާއިމުކޮށްފައި ބޭއްވޭނެކަން ކަށަވަރު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިނގިރޭސި ވިލާތުން އިސްތިއުމާރު ކޮށްފައި އޮންނަ ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޭން ދާދި ފަހުން އިނގިރޭސި ވިލާތުން ވަނީ އެއްބަސްވެފައެވެ.
އެ އެއްބަސްވުން އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށް ގެންދާއިރު، ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ، ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒު ބޭއްވުމަށް އިނގިރޭސި ވިލާތުން ވަނީ ހުށަހަޅައިފަ އެވެ. އިނގިރޭސި ވިލާތުން އެތަން ވަނީ އެމެރިކާ އަށް ކުއްޔަށް ދީފައެވެ.
ޗާގޯސް ދޫކޮށްލުމަށް އިނގިރޭސިވިލާތުން ނިންމުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކަމާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެއީ އިނގިރޭސިވިލާތުގެ ”ގަމާރު ނިންމުމެއް“ ކަމުގައިވެސް ބުނެ ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ނިއުސްވީކަށް ދެއްވި އިންޓަވިއުއެއްގައި މިކަމާ ބެހޭގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖެއަށް ޗާގޯސް ލިބިއްޖެ ނަމަ ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒު ގާއިމުކޮށްފައި ބޭއްވުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.
މިގޮތުން، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން އެކަން ފާސްކޮށް، ގާނޫނީ ބާރުވެރިކަން ވެސް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ޓްރަމްޕްގެ ކަންބޮޑުވުން އޮތީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ޗާގޯސް ދިޔުމުން، ޑިއޭގޯ ގާސިއާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވުމާމެދު ކަމަށެވެ.
”ކަނޑުގެ ބިޔަ ސަރަހައްދުތައް ހިމާޔަތްކޮށްފައި ބޭއްވުމުގައި ރާއްޖެއަކީ ދުނިޔޭގައި ވެސް އެންމެ ތަޖުރިބާ ލިބިފައިވާ ގައުމު. އަޅުގަނޑުމެންނަކީ ދުވަހަކު ވެސް އެކަށީގެން ނުވާ މިންވަރަށް އާބާދީ އާއި ތަރައްގީ ގެނެސް، ހިމާޔަތްކުރަންޖެހޭ ސަރަހައްދުތަކަށް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ނުދޭނެ ބައެއް ނޫން،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެއާ އެކު، ޗާގޯސް ވެސް ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށަށް ގެނެސްފި ނަމަ އެ ތަން ވެސް ހިމާޔަތްކޮށްފައި ބޭއްވޭނެ ކަމުގެ ޔަގީންކަން އޮންނާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.



