ރާއްޖޭގެ އިގުތިސާދަށް މުހިންމު ތިން ދާއިރާއެއް ތަރައްގީ ކުރުމަށް ސަރުކާރަށް ލަފާ ދޭ ތިން ކޮމިޓީއެއް އެކުލަވާލައި، އެ ތިން ކޮމިޓީއަށް މެންބަރުން ހޯދަން ރޭގައި އިއުލާންކޮށްފިއެވެ.
ރައީސް އޮފީހުން ރޭގައި ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް ކޮމިޓީތައް އެކުލަވާލަނީ މަސްވެރިކަމާއި ފަތުރުވެރިކަމާއި އިމާރާތް ކުރުމުގެ ދާއިރާއިން ކަމަށެވެ.
އެއީ:
° ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ
° ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ
° ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ
އޭގެ ތެރެއިން:
– ފަތުރުވެރިކަމުގެ ދާއިރާގެ ކޮމިޓީގައި، އެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކުގެ މެންބަރަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ ޢިލްމީ ނުވަތަ ފަންނީ ތަޖުރިބާކާރަކާއި އެ ދާއިރާއާ ގުޅުންހުރި މަދަނީ ޖަމުޢިއްޔާ ޖަމާއަތްތަކުން މެންބަރެއް ހިމެނޭނެއެވެ.
އެ ކޮމިޓީން ދޭނެ ލަފާތަކުގެ ތެރޭގައި، ފަތުރުވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް ހުރި ހުރަސްތައް ދެނެގަނެ، އެކަށީގެންވާ ސިޔާސަތުތައް ކަނޑައެޅުމާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ލަފާ ވެސް ހިމެނެއެވެ.
– މަސްވެރިކަމުގެ ދާއިރާއިން ލަފާ ދޭ ކޮމިޓީގައި ދެ މަސްވެރިންނާއި ދެ އޮޑިވެރިންނާއި ދެ ކެޔޮޅުންނާއި މަސްވެރިކަމާއި މެރިކަލްޗާގެ ޢިލްމީ، ފަންނީ ދެ ތަޖުރިބާކާރުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކުން ތިން މެންބަރުން ހިމެނޭނެއެވެ.
• އެ ކޮމިޓީން ލަފާ ދޭނެ ކަންތައްތަކުގެ ތެރޭގައި:
= މަސްވެރިކަމާއި މެރިކަލްޗާގެ ދާއިރާ ތަރައްގީކޮށް ހަރުދަނާކުރުމާބެހޭ ގޮތުން ލަފައާއި މަޝްވަރާ ދިނުން.
= ދުނިޔޭގެ މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތަށް ގެންނަންޖެހޭ ބަދަލުތަކާއި، މަސްވެރިކަމާއި މެރިކަލްޗާގެ ދާއިރާ ޑައިވާސިފައިކުރުމަށް އަލަށް ތަޢާރުފުކުރެވެން ހުރި ކަންކަމާއި، އެ ދާއިރާގެ އިނޮވޭޝަން ކުރިއެރުވުމަށް ޓެކްނޯލޮޖީ ބޭނުންކުރުމާ ބެހޭގޮތުން ލަފައާއި މަޝްވަރާ ދިނުން
= މަސްވެރިކަމާއި މެރިކަލްޗާގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމާއި، އެ އުފެއްދުންތަކުގެ ފެންވަރު ކަށަވަރުކުރާނެ ނިޒާމުތައް ގާއިމުކުރުމއާއި ހަރުދަނާކުރުމާ ގުޅޭގޮތުން ލަފައާއި މަޝްވަރާ ދިނުން.
– ތިން ވަނަ ސިނާއަތް ކަމަށްވާ، އިމާރާތް ކުރުމުގެ ދާއިރާއާ ގުޅޭ ލަފާ ދޭ ކޮމިޓީގައި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކުން ތިން މެންބަރުންނާއި ސިވިލް/ސްޓްރަކްޗްރަލް އިންޖިނިއަރިންގެ ދާއިރާއާއި އާކިޓެކްޗާގެ ދާއިރާއާއި ކުއެންޓިޓީ ސާވޭއިންގެ ދާއިރާއިން މެންބަރުން ތިބޭނެއެވެ.
އެ ކޮމިޓީން އިމާރާތްކުރުމުގެ ދާއިރާ ރެގިއުލޭޓުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން އިމާރާތްކުރުމުގެ ސިނާއަތުގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހިކުރުމަށް އިންވެސްޓްމަންޓް އިންސެންޓިވް މެކޭނިޒަމްތައް ތަޢާރުފުކުރުމާ ގުޅޭ ގޮތުން ލަދާ ދޭނެއެވެ.
އެ ކޮމިޓީތަކުގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ، މިއަދުން ފެށިގެން މި މަހުގެ 16 ވާ ހޯމަ ދުވަހުގެ 12:00ގެ ނިޔަލަށެވެ.
މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00އަށް ރައީސް އޮފީހުންނެވެ.



