އޮސްޓްރޭލިޔާއަކީ، ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެއް ކަމަށް ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޚަލީލް މިހެން ވިދާޅުވީ، އޮސްޓްރޭލިޔާގެ ޤައުމީ ދުވަސް ”އޮސްޓްރޭލިއަން ޑޭ“ ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ހުންނަ އެޤައުމުގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި ފޮޓޯ މައުރަޒު ހުޅުވުގެ ރަސްމިއްޔާތުގައި ރޭގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޚަލީލް ވިދާޅުވީ، ރާއްޖެއާ އޮސްޓްރޭލިޔާއާ ދެމެދު އޮންނަ ގާތް ގުޅުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި، ސުލްޙަ މަސަލަސްކަން ބިނާކުރުމަށް ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތްތަކުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި މި މައުރަޒަކީވެސް ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާ ކުރިއެރުވުމުގައި އޮސްޓްރޭލިއާއަކީ ވަރަށް ބޮޑަށް އެހީތެރިވެދޭ ގައުމެއް. ތައުލީމާއި، ޞިއްޙީ ދާއިރާ އަދި ތިމާވެށި ހިމާޔަތްކުރުން ފަދަ މުހިންމު ދާއިރާތަކުންވެސް އޮސްޓްރޭލިއާއިން އަންނަނީ ރާއްޖޭގެ ދިގު މުއްދަތުގެ ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ބޮޑު އެއްބާރުލުމެއް ދެމުން. މިގޮތުން އޮސްޓްރޭލިއަން އެވޯޑްސް ޕްރޮގްރާމަކީ ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދީ، އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ލިބޭ ވަރަށް އަގުހުރި ފުރުސަތެއް“ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، އޮސްޓްރޭލިޔާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.


