ޒަކާތުގެ ޤާނޫނުގެ ދަށުން، ”ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ“ އުފައްދަވައި އެ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ.
ޒަކާތުގެ ޤާނޫނުގެ 19ވަނަ މާއްދާގެ (ހ)ގައި ވަނީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާ ގުޅޭ ކަންކަމުގައި ޒަކާތުގެ ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް ޝަރުޢީ ލަފާއާއި އިރުޝާދު ދިނުމަށް ޓަކައި، 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް، އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވަންވާނޭ ކަމަށެވެ. އަދި އެ ޤާނޫނުގެ 19ވަނަ މާއްދާގެ (ށ) އަދި (ނ)ގައި ވަނީ، ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އެކުލަވައިލާންވާނީ ސަރުކާރާއި ސަރުކާރުން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތުގެ މަތީން ކަމަށެވެ.
ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަށް ޢައްޔަނުކުރާ މެންބަރުންނަކީ، އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ޙާޞިލުކޮށްފައިވުމުގެ އިތުރުން، މިނިސްޓްރީން ދޫކޮށްފައިވާ ދީނީ ތަޤްރީރުކުރުމާއި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައި ވާންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެގޮތުން އެ ކޮމިޓީއަށް ރައީސް މުޢިއްޒު ޢައްޔަނުކުރައްވާފައިވާ މެންބަރުންނަކީ:
° ޗެއަރޕަރސަން: އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން (މ. ޕެޓީބާރޑް، މާލެ ސިޓީ)، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
° މެންބަރު: އަލްއުސްތާޛު އުސާމް މުޙައްމަދު ސަޢީދު (ގަމަރީ، ގދ. މަޑަވެލި)، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
° މެންބަރު: އަލްއުސްތާޛު ޢަބްދުލްހާދީ ޙުސައިން (ޓިއުލިޕް، ރ. ކިނޮޅަސް)، ހެޑް އޮފް ޝަރީޢާ ކޮމްޕްލަޔަންސް އެންޑް ގަވަރނަންސް، ބީ.އެމް.އެލް އިސްލާމިކް، ބޭންކް އޮފް މޯލްޑިވްސް
° މެންބަރު: އަލްއުސްތާޛު އަޙްމަދު ފިރާސް (ވެސްޓްލައިޓް، ސ. ހުޅުދޫ)، ކަންޓްރީ ހެޑް އޮފް ޝަރީޢާ، އެޗް.އެސް.ބީ.ސީ އަމާނާ، މެލޭޝިއާ
° މެންބަރު: އަލްއުސްތާޛު ޢަޒްމީނު ރަޝީދު (ޗަނބޭލީވިލާ، ގދ. ރަތަފަންދޫ)، ސީނިއަރ ލީގަލް ސްޓްރެޓެޖިސްޓް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
”ޝަރީއާ އެޑްވައިޒަރީ ކޮމިޓީ“ އުފެއްދުމަކީ ޒަކާތާ ބެހޭ ގާނޫނުގެ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޒަކާތުގެ ކަންކަން ބެލެހެއްޓުމުގައި ޝަރުއީ ހިންގުންތެރިކަމާއި، ދެފުށް ފެންނަ މިންވަރާއި، އަދި ޝަރުއީ ހަމަތަކަށް ތަބާވުން ހަރުދަނާކުރުމަށްޓަކައި، އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.




