އުމްރާއަށް ގެންދަން ފައިސާ ނެގުމަށްފަހު، އަޅުކަމަށް ނުގެންދިޔަ މައްސަލައިގައި އަސްކޮއި ގްރޫޕާ ދެކޮޅަށް ދައުވާކުރި އާއިލާއަކަށް 185،250 ރުފިޔާ ދޭން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިއްވި އެ ހުކުމުގައިވާ ގޮތުން އަސްކޮއި ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޑެޓާ ދެކޮޅަށް އެ މައްސަލަ ހުށަހެޅީ އާއިލާއެއްގެ ފަސް މީހަކު އުމްރާއަށް ގެންދިއުމަށް އެ ކުންފުންޏަށް 155،250 ރުފިޔާ ދެއްކުމުން ވެސް އުމްރާއަށް ނުދެވުމުން އެ ފައިސާ އާއި އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ކުރަން ޖެހުނު ހަރަދު ހޯދުމަށެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބުނީ ދައުވާގައި ހޯދުމަށް ހުށަހެޅި 155،250ރ. އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 30،000ރ. އާ އެކު ޖުމްލަ 185،250ރ. ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އަސްކޮއި ކުންފުންޏާއި އާއި އެ ކުންފުނީގެ ވެރިޔާ މއ. ފައިންޝޭޑް، އަބްދުﷲ ރަޝީދު އެއްބަސްވެފައިވާ ކަމަށެވެ.
އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަސްކޮއި އާއި އަބްދުﷲ ރަޝީދުގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އުމްރާއަށް ގެންދާނެ ކަމަށް 28 މީހެއްގެ އަތުން ފައިސާ އަތުލައި، އަޅުކަމަށް ނުގެންދިޔަ މައްސަލާގައި މިދިޔަ އަހަރުގެ ޖުލައި މަހު އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ގްރޫޕްގެ ހުއްދަ ބާތިލުކޮށް، ބޮޑެތި ފިޔަވަޅުތަކެއް އަޅައިފަ އެވެ.



