އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ނިއުދިއްލީގައި ދިރިއުޅެމުންދާ އަދި މިވަގުތު ނިއުދިއްލީއަށް ގޮސް ތިބި ދިވެހި އާއިލާތަކާ ރޭ ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
މިިނިސްޓަރުގެ މެސެޖުގައި ވިދާޅުވެފައިވަނީ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ނިއުދިއްލީގައި ދިރިއުޅޭ އަދި މިވަގުތު ދިއްލީއަށް ޒިޔާރަތްކުރަމުންދާ ދިވެހިންނާއި ބައްދަލުކޮށް މުއާމަލާތް ކުރުމުގެ ފުރުސަތު ލިބުނުކަމަށެވެ. އަދި، ވިސާ ހޯދުމަށް ނިއުދިއްލީއަށް ޒިޔާރަތްކުރާ ދަރިވަރުންގެ އަދަދު އިތުރުވަމުންދާކަން ފާހަނގަކުރައްވައި، އެމީހުންނަށް ކުރިމަތިވާ ބައެއް ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ.
މިނިސްޓަރު ޒަމީރު ދިވެހިންނާ ބައްދަލުކުރެއްވީ ދިއްލީގެ ތާޖް ޕެލަސް ހޮޓެލްގައި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަރު އިބްރާހިމް ޝަހީބް ބޭވެވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ތެރެއިންނެވެ. މި ހަފްލާގައި ދިއްލީގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ދިއްލީގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ ބޭފުޅުންނާއި، ފޮރިން މިނިސްޓްރީގެ އިތުރު އޮފިޝަލުން ބައިވެރިވަޑައިގެންނެވި އެވެ.

މިނިސްޓަރުގެ ދަތުރުފުޅުގައި އިއްޔެ ވަނީ ނިއުދިއްލީގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައި، އެތާނގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި، މެހެމާނުންގެ ފޮތުގައި ސޮއިކުރައްވާފަ އެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު އިންޑިއާއަށް ކުރައްވަމުން ގެެންދަވާ ރަސްމީ ދަތުރުފުޅުގައި ވަނީ އިއްޔެ ވަނީ އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖެއި ޝަންކަރްއާ އެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފަ އެވެ. އެގޮތުން ދެގައުމުން އިސްކަންދޭ ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފުރުސަތުތައް ފަހިކުރުމާއި، ދެގައުުގެ ގުޅުން އިތުރަށް ފުރިހަމަ ކުރުމަށް އިތުރު މަގުތައް ފަހިކުރުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި ދެގައުމުގެ މަސްލަހަތު އިސްކަންދޭ ދާއިރާތަކުން ބައިނަލްއަގްވާމީ މައިދާނުގައި ގާތުން ގުޅިގެން މަސައްކަތް ކުރަމުން ގެންދިއުމަށް ވައުދުވެވަޑައިގެންފައި ވެއެވެ.
މިއީ، މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިނިސްޓަރު ޒަމީރު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.




