މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްޕުޅު ކުރައްވާއިރު، ރައްޔިތުންގެ އިތުބާރު ސަރުކާރަށް އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ގދ. ފިޔޯރީގައި ތަރައްޤީކުރާ މަސްދަޅު ބަންދުކުރާ ކާރުޚާނާގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް އެކި ދާއިރާތަކުން ވެވަޑައިގެންނެވި ތަރައްޤީއާ ގުޅުންހުރި އެތައް ވަޢުދުތަކެއް ޙަގީގަތަކަށް ވެގެންދާތަން މިއަދު ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފެންނަމުންދާ ކަމަށެވެ.
މަސްވެރިކަމުގެ ދާއިރާއަށް އިސްކަންދެއްވައިގެން ރިޔާސީ ވަޢުދުތަކެއް މެނިފެސްޓޯގައި ހިމެނުއްވީ އިޤްތިޞާދު ސިންދަފާތުކުރުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ޙިކުމަތްތެރި ވިސްނުންފުޅާއެކުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މަސްވެރިންނާއި، އޮޑިވެރިންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންގެ ޝަކުވާތައް ރައީސް ވަރަށް ގާތުން އަޑުއެއްސެވި ކަމަށާއި، އެތައް ޒަމާނެއް ވަންދެން ހުރި މައްސަލަތަކަށް އިސްކަންދެއްވައިގެން ސަރުކާރުގެ މަސައްކަތްތައް ބައްޓަން ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ސަރުކާރާ ހަވާލުވީއިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތީ ތަސައްވުރުކުރި ވަރަށްވުރެ ބޮޑަށް ބޮއްސުންލައި، އަނދަވަޅަކަށް ވެއްޓިފައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން އެންމެ ފުރަތަމަ ކުރަންޖެހުނު މަސައްކަތަކީ އިޤްތިޞާދު އަލުން ހަމަމަގަށް ގެނައުން ކަމަށާއި، ދަތިތަކާއެކުވެސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމަށް ރައީސް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވިއެވެ.
”އިޤްތިޞާދު ކުރިއެރުވުމަށްޓަކައި އަޅުގަނޑުމެން ބަރޯސާވެފައިވާ އޮތް ޓޫރިޒަމް ނޫން ދިމަދިމާއަށް އަޅުގަނޑުމެން އިންވެސްޓްކުރަންޖެހޭކަން އެމަނިކުފާނު ޤަބޫލުކުރައްވާ، އެއަށް ބޭނުންވާ ފައިސާ ހޯއްދަވައިގެން މިމަސައްކަތްޕުޅުތައް ފައްޓަވައިގެން ކުރިއަށްގެންދަވަނީ،“ ނައިބު ރައީސް ވިދާޅުވިއެވެ.
ޒުވާނުންނަށް މެސެޖެއް ދެއްވަމުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހަމައެކަނި ފެކްޓްރީތަކުގެ ވަޒީފާއެއް ނޫން ކަމަށާއި، މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓްކޮށް، އައު ދޯނިފަހަރު ގެނެސް، ޒުވާނުންނަކީ އެ ސިނާއަތުގައި ދެމިތިބޭ ބަޔަކަށް ހެދުން ކަމަށެވެ. އަދި ޒުވާނުން މަސްވެރިކަމާ ބީރައްޓެހިވީ ކުރިން އެކަމަށް އަޅާނުލެވުމުން ކަމަށާއި، މިހާރު ސަރުކާރުން މަސައްކަތް ކުރަނީ ވަޒީފާގެ ޔަގީންކަމާއެކު ޒުވާނުން މި ސިނާއަތަށް ނެރުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



