ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންނާ ދޭތެރޭ ވިސްނާ، ރައްޔިތުންނަށް އިހުލާސްތެރި ވެރިއެއް ކަމަށާއި އެމަނިކުފާނަށް އެއްބާރުލުން ދެވޭ ވިސްނުންތަކަށް ޖާގަދޭން ޖެހޭ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އިއްޔެ ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ގދ. ފިޔޯގައި އަޅަން ސަރުކާރުން ނިންމާފައިވާ މަސް ފެކްޓަރީ އަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތް ފަށަން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ނައިބު ރައީސް ވިދާޅުވީ، އިއްޔެ ފެށި އެ މަޝްރޫއު ނޫނަސް ފިޔޯރީގައި ހިންގަން ކުރިއަށް ބޮޑެތި މަޝްރޫއުތައް އެބަހުރި ކަމަށާއި އެއާ އެކު، ރަައްޔިތުންގެ ޒިންމާތަކެއް ވެސް އެބަ އޮތް ކަމަށެވެ.
އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފިޔޯރީ ހިމެނޭ ދާއިރާ އަށް ހޮވައިދިނީ ރައީސާ ގުޅިގެން މަސައްކަތް ކުރާނެ ހިޔާލާ ފިކުރުގެ ބޭފުޅެއް ކަމަށް ވެސް ނައިބު ރައީސް ހުސެއިން ލަތީފު ވިދާޅުވިއެވެ.
”އެހެން ކަމުން އަބަދުވެސް ވިސްނުން ގެންދަވަން ވީ މިގޮތަަށް. މިގޮތަށް އަޅުގަނޑުމެންގެ ކުރިމަގު އަަޅުގަނޑުމެން ތަރުތީބު ކުރަން ޖެހޭނީ. އިހުލާސްތެރި ވެރިއަކަށް، އެ ބޭފުޅާ ކުރައްވާ މަސައްކަތްތަކަށް އެއްބާރުލުން ދެވޭ ވިސްނުންތަކަށް އަޅުގަނޑުމެން ޖާގަ ދޭން ޖެހޭ އެބަ،“ ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިިދާޅުވީ އެހެން ނޫނީ ސަރުކާރުން ކުރާ މަސައްކަތްތަކަށް އުނދަގޫތަކެއް ހުންނާނެ ކަމަށެވެ.



