ބޮލީވުޑްގެ އެންމެ ނަން ވިދާލާ އެއް އެކްޓްރެސް ކަމަށްވާ ތާބޫ އަނެއްކާވެސް ޚަބަރުތަކުގެ ފަލަ ސުރުހީއަށް އަރައިފިއެވެ.
”އާންދާދުން“ ، ”ދްރިޝްޔަމް“ ފަދަ ކާމިޔާބު ފިލްމުތަކުގައި ވެސް ހަރަކާތްތެރިވެފައިވާ ތާބޫއާ ބެހޭގޮތުން ގިނަ ބަޔަކު އެންމެ ގިނައިން ކުރާ އެއް ސުވާލަކީ އޭނާގެ ނަމުގެ ފަހަތުގައި އޭނާގެ ބައްޕަގެ ނަން ނުހިމެނެނީ ކީއްވެތޯއެވެ.
ދުވަސްތަކަކަށްފަހު ތާބޫ ވަނީ އެ ސުވާލަށް ޖަވާބު ދީފައެވެ.
ތާބޫ ބުނި ގޮތުގައި އޭނާގެ މައިންބަފައިން އޭނާ އުފަންވީއިރު ދިން ނަމަކީ ތަބައްސުމް ފާތިމާ ހާޝްމީ އެވެ. އޭނާގެ ބައްޕަގެ ނަމަކީ ޖަމާލް ހާޝްމީ އެވެ. މަންމައަކީ ރީތާ މަހޭޝްވަރީ އެވެ.
ތާބޫގެ އުމުރުން ގާތްގަނޑަކަށް އެންމެ ތިން އަހަރު އޭނާގެ މައިންބަފައިން ވަރިވި ކަމަށާއި، ވަރިވުމަށްފަހު އޭނާގެ ބައްޕަ އެމީހުން ދޫކޮށްލާފައި ދިޔަ ކަމަށް ތާބޫ ބުންޏެވެ. އަދި ބައްޕަ ދިޔުމަށްފަހު، އަދި އަދަށްވެސް ފެނިފައިނުވާ ކަމަށް ތާބޫ ބުންޏެވެ.
”ބައްޕަގެ އެއްވެސް ހަނދާނެއް ނެތް. ބައްޕައެއް ދުވަހަކުވެސް ހުރިކަމުގެ އިހުސާސެއް ނުކުރެވުން. އެހެންވީމަ ބައްޕަގެ ނަން ބޭނުން ކުރުމުގެ ބޭނުމެއް ނެތް“ ތާބޫ ބުނެފައިވެއެވެ.


