ވާސްތަކެއްގެ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަން ސާބިތުވި މީހެއްގެ މައްޗަށް އުމުރު ދުވަހުގެ (25 އަހަރުގެ) ޖަލު ހުކުމެއް އިއްވައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން މި ހުކުމް އިއްވާފައިވަނީ ސ. ހިތަދޫ، ވެހެތާނުގެ / އަބްދުﷲ ސޯދިގުގެ މައްޗަށެވެ.
އެ މީހާގެ މައްޗަށް ދައުވާކޮށްފައިވަނީ ޝްރީ ލަންކަން އެއާލައިންސްގެ ފްލައިޓެއްގައި ރާއްޖެ އައިއިރު އޭނާ ހުއްޓުވައި ފާސްކުރި އިރު ލަގެޖުން ފެނުނު ވާސްއެއްގެ ތެރެއިން މަސްތުވާތަކެތި ފެނުމުންނެވެ. އެ ވާސްގެ ތެރޭގައި އޮތް ހަތަރު ރަބަރު ޕެކެޓްގައި 169 ގްރާމް ޑައިމޯފިން ހުއްޓެވެ.
އޭގެއިތުރުން ލަގެޖުގައި އޮތް އިތުރު ދެ ވާސްއެއް ތަޅާލައިގެން ބެލިއިރު އޭގައި ވެސް ޑައިމޯފިން ފޮރުވާފައި ހުރިކަން ވަނީ ސާބިތުވެފައެވެ. އެ ދެ ވާސްގެ ތެރެއިން 35 ގްރާމް ހުރި ދެ ރަބަރު ޕެކެޓާއި 68 ގްރާމް ހުރި ދެ ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އަބްދުﷲ ސޯދިގުގެ މައްޗަށް އުފުލީ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ދައުވާ އެވެ. އެ ދައުވާއަށް އޭނާ އިންކާރުކޮށް ބުނެފައިވަނީ އޭނާއަށް އެނގިހުރެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފައިނުވާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނީ އަބްދުﷲ ސޯދިގު ގެނައި ލަގެޖު ފޮށިން ފެނުނު ވާސްތަކާ ގުޅިގެން ސުވާލުކުރުމުން، ދޮގުހަދައި އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. ދޮގު ހަދައި އޮޅުވާލަން މަސައްކަތްކުރަން ޖެހޭނީ ކަމެއް ފޮރުވަން ކަމަށް ހުކުމްގައިވެ އެވެ. ވާސްތަކުން ފެނުނު ތަކެއްޗާ ގުޅުމެއް ނެތް ނަމަ، އޭގެ ހަގީގަތް ހާމަކުރަން ފަސްޖެހެން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ހުކުމުގައިވެއެވެ.



