މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ 50 މުވައްޒަފުން ހޯދުމަށްޓަކައި ހދ. ކުޅުދުއްފުށި ސިޓީގައި ވޯކިން އިންޓަވިއުތަކެއް ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި މި އިންޓަވިއުތައް އޮންނާނީ މިމަހުގެ 7 ވާ ހޮނިހިރު ދުވަހުއެވެ. މި ހަރަކާތް ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ކުޅުދުއްފުށި ސިޓީގައެވެ.
މި ފަހަރު ހުޅުވާލާފައިވާ މަޤާމުތަކުގެ ތެރޭގައި ހިމެނެނީ ޑްރެޖް ކުރޫ، ވެލްޑަރުން، ޑްރެޖް ސުޕަވައިޒަރުން، ޓަގް އޮޕަރޭޓަރުން އަދި ޓަގް ކުރޫއެވެ. މީގެ އިތުރުން، ދާއިރާއިން ތަމްރީނުވުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ޑްރެޖް އޮޕަރޭޓަރ ޓްރެއިނީ އަދި ޑްރެޖް މެކޭނިކް ޓްރެއިނީގެ މަޤާމުތަކަށްވެސް މީހުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މި އިންޓަވިއުތައް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ހދ. ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީގައި ވަޒީފާ ބޭނުންވާ މީހުންގެ ޕޫލެއް އެކުލަވާލުމެވެ. މިއީ އެ ސަރަޙައްދުގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ، ކުންފުނީގެ މަޝްރޫޢުތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އެމްޓީސީސީން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
އެމްޓީސީސީން ވަނީ މީގެ ކުރިންވެސް މިފަދަ ފުރުޞަތުތަކެއް ހުޅުވާލާފައެވެ. އެގޮތުން، ނިމުނު ޖަނަވަރީ މަހުގެ 17 ވީ ހޮނިހިރު ދުވަހު ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުންނާއި، ފުލްޓައިމްކޮށް މަސައްކަތް ކުރާނެ 407 ޑްރައިވަރުން ހޯދުމަށްވެސް ވޯކިން އިންޓަވިއުއެއް ބާއްވާފައިވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގަމުންދާ އެމްޓީސީސީން އަބަދުވެސް އިސްކަންދެނީ އެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އަދި ހުނަރުވެރި ދިވެހިން ހޯދައި، ދިވެހިންނަށް ވަޒީފާގެ ކުރިއެރުން ހޯދައިދިނުމަށެވެ.




