ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއަށް އަމާޒުކޮށް ޕީޕަލްސް ނެޝަނަލް ފްރޮންޓް(ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ހާމަކަންބޮޑުގޮތެއްގައި ފާޑުވިދާޅުވަމުންގެންދަވަނިކޮށް، މިނިސްޓަރު އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފި އެވެ.
މިނިސްޓަރަށާއި، މިނިސްޓަރުގެ ބައްޕާފުޅު އަބްދުއްރަހީމަށް ނިސްބަތްކުރައްވައި، މަލީހު އަމާޒުކުރި ފާޑުކިޔުންތަކަށް ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވީ، އެއްވެސް އިރެއްގައި އެމަނިކުފާނަކީ އެންމެ މޮޅު މީހާކަމަށް ބުނެފައި ނުވާނެކަމަށެވެ.
”އަޅުގަނޑު މިއީ އެންމެ މޮޅު މީހާ ކަމަކަށް ނުބުނަން. މޮޅެތި މީހުންނަކީ އަނެކާއަށް އިހުތިރާމުކުރާ މީހުން.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި، މަލީހަށް މިހާރު އޮތްގޮތަކީ މިއަދުގެ ސިޔާސީ ހަގީގަތް ގަބޫލުކުރުންކަމަށާއި، ފާޑުކިޔައިގެން އެމަނިކުފާނު ފަހަތަށް ނުޖެއްސޭނެކަމަށެވެ. އަދި ހުރިހާ ސަރުކާރެއްގައި މިނިސްޓަރުކަމުގައި ހުންނަވައިގެން މަލީހަށް ވަކި މޮޅުކަމެއް ކުރެވުނުތޯ މިނިސްޓަރު ސުވާލު ކުރެއްވި އެވެ.
Mee Jameel aa Maleeh baiverivegen hovi veri eh.E Manikfaanuge cabinet gai Maleehu himenunu. E dhuvahu keehvetho faadu kıyan nukerunee?Miadhu thihaa zaathee vegen thi ulhenee mi sarukaarun minister kan nulibuneemathoa?alhugandu eyrakuves Ibu akah malaatheh nukuran.@maleehjamal pic.twitter.com/c8ilQSFB6s
— Ibrahim Faisal (@lasiaF969) May 10, 2024
އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިނގިރޭސި ބަހުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަން އެމަނިކުފާނު އުޒުރުވެރިވަޑައިގެންނެވި ވީޑިއޯއެއް އާންމުކުރައްވައި، މިނިސްޓަރު ފައިސަލް ވިދާޅުވީ، އޭރު އެމަނިކުފާނުވެސް އެކަމާ ފާޑުވިދާޅުނުވާކަމަށެވެ. އަދި އޭރު ކެބިނެޓްގައި ހުންނަވައިގެން މަލީހަށް، ފާޑުވިދާޅުވާން ކެރިވަޑައި ނުގެނެްނެވީ ކީއްވެތޯ ސުވާލުކުރެއްވި އެވެ.
”އެދުވަހު ކީއްވެތޯ ފާޑުކިޔަން ނުކެރުނީ؟ މިއަދު ތިހާ ޒާތީވެގެން ތިއުޅޭނީ މި ސަރުކާރުން މިނިސްޓަރުކަން ނުލިބިގެންތޯ؟ އަޅުގަނޑު އޭރަކުވެސް އިބޫއަކަށް މަލާމާތެއް ނުކުރަން.“ މިނިސްޓަރު ފައިސަލް ސުވާލުކުރެއްވި އެވެ.
މަލީހު ފާޑު ވިދާޅުވަމުން ގެންދަވަނީ،ދުބާއީގައި ކުރިއަށްދިޔަ އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެެއާގެ ތެރެއިން އިންޑިއާގެ ނޫހަކަށް އިނގިރޭސި ބަހުން މިނިސްޓަރު ފައިސަލް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވާގޮތަށް އަމާޒުކޮށްނެވެ.



