ނަހަމަ ގޮތުގައި ކުޑަކުދިންގެ ފައިދާ ނަގައި، އެ ކުދިންލައްވާ ކުށްކުރުވާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން މަސައްކަތް ކުރައްވާނެ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން މިއަދު ވިދާޅުވެއްޖެއެވެ.
ސީޕީ ނަވީން މިހެން ވިދާޅުވެފައިވަނީ، އުމުރުން 16 އަހަރުގެ ކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އުފުލައި، އެ ކުއްޖާ ކުށްކުރުމަށް ބޭނުންކުރިކަމުގެ ތުހުމަތުގައި މިދިޔަ އާދީއްތަ ދުވަހު މާލެއިން ދެ މީހަކު ހައްޔަރުކޮށްފައިވާ މައްސަލައަށް އިޝާރާތްކުރައްވަމުންނެވެ.
މިކަމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ނަވީން ވަނީ، ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް، އެކުދިންނަށް ރައްކާތެރި އަމާން މުޖުތަމައެއް ބިނާކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތުކަން ފާހަގަކުރައްވާފައެވެ.
”ކުޑަކުދިން ލައްވައި ކުށްކުރުވުމާއި، އެކުދިންގެ ނަހަމަ ފައިދާ ނަގާ އެއްވެސް ފަރާތަކަށް ދޫދިނުމެއް ނެތި ދިވެހި ފުލުހުންގެ ޚިދުމަތުން މިފަދަ މައްސަލަތައް ބަލައި، ކުށްވެރިންނަށް ގާނޫނީގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށް މަސައްކަތް ކުރާނެ“ ސީޕީ ނަވީން ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ސީޕީ ނަވީން ވަނީ، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަމާއި، އެއީ އެންމެންގެ އިޖުތިމާއީ ޒިންމާއެއްކަން ވެސް ފާހަގަ ކުރައްވާފައެވެ. އަދި ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 އަށް، ނުވަތަ ގައުމީ އެމަޖެންސީ ހޮޓްލައިން 911 އަށް ގުޅައި އެ މީހުންގެ މައުލޫމާތު ހިއްސާކުރުމަށް ވެސް ސީޕީ އެދިލެއްވިއެވެ.
ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލައި ކުށްކުރުވިކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރީ މާލެ، މ. ނާޒްލީމަންޒިލް / ޙަސަން ނުޢާޒު (28އ) އާއި، މާލެ، ވ. ސެޓެލައިޓް / އަޙްމަދު ނަޢީމް (39އ) އެވެ.


