އިންޑިއާއިން ތަކުރާރުކޮށް ދިވެހި ސަރުކާރު މޮޔަ ހައްދަމުން އަންނަކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި ބޭސްވެތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ފައިބާ، އެމީހުންގެ ބަދަލުގައި މަދަނީ ފަންނީ ތަޖުރިބާކާރުން ރާއްޖެއަށް ފޮނުވާފައިވާކަމަށް އިންޑިއާ ސަރުކާރުން ބުނުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
އުމަރު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލިކަމަށް ބުނެ އިންޑިއާއިން ދައްކަމުންދަނީ ދެކޮޅު ނުޖެހޭ ވާހަކައެއްކަމަށާއި، މިފަދަ ވާހަކަތައް ދައްކައިގެން އިންޑިއާއިން ދިވެހި ސަރުކާރުތައް ތަކުރާރުކޮށް މޮޔަ ހައްދަމުން އަންނަކަމަށެވެ.
އުމަރު ވިދާޅުވީ، އިންޑިއާ ސިފައިން އަދިވެސް ރާއްޖޭގައި އެބަތިބި ކަމަށެވެ. އަދި، އިންޑިއާ އަސްކަރިއްޔާގެ ހެލިކޮޕްޓަރުތަކާއި، ޑޯނިއާ އުޅަނދުތަކާއި، ރާޑަރު ސްޓޭޝަންތަކުގައި އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާ ސިފައިން އަދިވެސް ޜާއްޖޭގައި އެބަތިބިކަމަށް އުމަރު ތުހުމަތު ކުރެއްވި އެވެ އަދި މާދަމާއި މިކަމާއި ގުޅުންހުރި މައުލޫމާތުތަކެއް ހާމަކުރައްވާނެކަމަށް އުމަރު ވިދާޅުވި އެވެ.
އިންޑިއާއިން ބުނެފައިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ދެގައުމުން އެއްބަސްވެފައިވާގޮތަށް އެކަންކަން ކުރިޔަށްދާކަމަށެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިން ބެޗަކަށް ބަހާލައިގެން މިހާރު ފައިބާފައިވާކަމަށް ބުނެފައި ވެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުން ބުނެފައިވަނީ ހުރިހާ ސިފައިން ފައިބާ ނިމުމުން ޜާއްޖޭގައި ހަރަކާތްތެރިވި އިންޑިއާ ސިފައިންގެ ފުރިހަމަ އަދަދު ހާމަކުރާނެކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ދެގައުމުގެ މަތީ ފެންވަރުގެ ކޯ ގްރޫޕެއް ވަނީ އެކުލަވާލާފައެވެ. މަސައްކަތްތައް ކުރިޔަށްދަނީ މި ގްރޫޕްގެ ބައްދަލުވުންތަކުން އެއްބަސްވެވޭ ގޮތަށެވެ.



