މަޝްހޫރު ދިވެހި ބޭންޑް ”2 އޮފް އަސް“އާ އެކު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ހަދާފައިވާ އެމްބެސެޑާޝިޕް ޕްރޮގްރާމް ވަގުތީ ގޮތުން ސަސްޕެންޑު ކޮށްފިއެވެ.
ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރުކަމަށް 2 އޮފް އަސް ހަމަޖެއްސީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޭންޑުގެ އެމްބެސެޑާޝިޕް ސަސްޕެންޑް ކުރީ މިދިޔަ ޖެނިއަރީ މަހު ގައެވެ. އެކަމުގެ ސަބަބެއް ކަމަށް އެނގިފައި ވަނީ ފައިސާގެ ކަންކަމުގައި އެ ބޭންޑާ މެދު ފެތުރެމުންދާ ވާހަކަތަކުގެ ނޭދެވޭ އަސަރު ވިޒިޓް މޯލްޑިވްސް ކުރަމުން ދިޔުމެވެ.
”2 އޮފް އަސް“ އުފެދުނުއިރު، އެ ބޭންޑުގައި ފަސް މެމްބަރު ތިއްބެވެ.
ފައިސާގެ ކަންކަން އޮޅުވާލާ ކަމުގެ ތުހުމަތުކޮށް އެ ބޭންޑުގެ ގިޓަރިސްޓު އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) ބޭންޑާ ދުރަށް ދިޔައި މިދިޔަ މަހު އެވެ. ލީޑު ވޯކަލިސްޓް މުހައްމަދު ނަސޫހު ބިން ނަސްރުއްދީން އާއި އަހުމަދު ޖަޝީމް އާއި މުހައްމަދު ހިޝާމް ވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައި ބޭންޑުން ވަކިވެފައެވެ.
މިހާރު ”2 އޮފް އަސް“ ބޭންޑުގައި ތިބީ އެ ބޭންޑުގެ ލީޑަރު އަދުހަމްގެ އިތުރުން އަބްދުﷲ ޝަމްރޫހް އެވެ.



