ހޯމްލޭންޑް ސެކިއުރިޓީއާ ބެހޭ މިނިސްޓްރީން މިހާރު ކުރިޔަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 500 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގާފައިވާކަމަށް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އެކްސްގައި މި އޮަޕަރޭޝަންގެ މައުލޫމާތު އަދާހަމަކުރައްވައި މިނިސްޓަރު ވިދާޅުވީ ”އޮޕަރޭޝަން ކުރަނގި “ ގެ މަސައްކަތްތައް މިހާރު ކުރިޔަށް ދަނީ ކ. ހިންމަފުށީގައި ކަމަށެވެ. އެގޮތުން، މި އޮަަޕަރޭޝަނުގެ ދަށުން، އެރަށުގައި މަސައްކަތް ކުރަމުން އަންނަ 532 ބިދޭސީ މަސައްކަތްތެރިންގެ ބަޔޯ މެޓްރިކް ޑާޓާ ނަގާފައިވާކަމަށެވެ. އަދި، އެއްކުރެވުނު މައުލޫމާތުތައް ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ބަލަހައްޓާ ނިޒާމަށް އަޕްލޯޑްކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި އޮޕަރޭޝަން ކުރިޔަށްރޭވިފައިވާ ގޮތް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދާދި އަވަހަށް ރާއްޖޭގެ ފަސް ސަރަަހައްދެއްގައި އެއްފަހަރާ މި މަސައްކަތް ފެށޭނެކަމަށެވެ.
އޮޕަރޭޝަން ކުރަނގި އަކީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން ފެށި އޮޕަރޭޝަނެކެވެ. މިއޮަޕަރޭޝަންގެ ދަށުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރިކޮގްނިޝަން ހެދޭވަރުގެ ފޮޓޮއާއި މައުލޫމާތު ދަނީ ނަގަމުންނެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށެވެ.



