ރާއްޖޭގެ ކަނޑުން ބައެއް ގެއްލުމާ ގުޅޭގޮތަށް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަވަން ނިންމެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފައްޓަވާދެއްވުމަށް މިއަދު ބޭއްވި ޚާއްސަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ނިންމައި އެކަން އިއުލާނު ކުރައްވާ ކަމަށެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ، ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި، ނިމިދިޔަ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލު ކުރައްވަން، ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލު ދެއްވައިފައެވެ.
އެގޮތުން ރައީސް ވިދާޅުވީ ޗާގޯސް ނުވަތަ ފޯޅަވަހީގެ ތާރީޚެއް ރާއްޖެއަށް އޮތް ކަމަށާއި، އެއީ އޭރުވެސް މިހާރު ވެސް ދިވެހީން މަހަށް ނުކުމެ ތިބޭ ސަރަހައްދެއް ކަމަށެވެ. ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް، ރާއްޖޭން 18 ޖަނަވަރީ 2026ގައި އިނގިރޭސިވިލާތަށް އިއުތިރާޒު ހުށަހަޅައިފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”އިޓްލޮސްއިން މައްސަލަ ނިންމާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް. އެއީ މިދިޔަ ސަރުކާރުން ދޫކޮށްލި ސަރަހައްދެއް. އެ ކަނޑުގެ ސަރަހައްދު ހޯދަން ގާނޫނީ ގޮތުން މަސައްކަތް ކުރަން ބަންޑާރަ ނައިބަށް ވާނީ އަންގައިފަ. އެ މައްސަލަ ދިރާސާ ކުރި ކޮމިޓީގެ ރިޕޯޓު މިދިޔަ މަހު 22ގައި އަޅުގަނޑަށް ވަނީ ހުށަހަޅުއްވާފަ. އަދި ކެބިނެޓުން މިހާރު ވަނީ އެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ފަށައިފަ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ކުރީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އިޔާދަ ނުކުރެވޭ ގެއްލުން ލިބިފައިވާތީ، އެކަމާ ގުޅޭ ގޮތުން ސުވާލުކޮށް، ގާނޫނީ ފިޔަވަޅު އަޅަން ކޮމިޝަން އޮފް އިންކުޔަރީއެއް ހަދަން ނިންމައިފައިވާކަން ވެސް ރައީސް އިއުލާންކުރެއްވެވިއެވެ.



