މިހާތަނަށް 349 މިލިއަން ރުފިޔާ އެސްއެމްއީތަކަށް ވަނީ ދޫކޮށްފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފައްޓަވާދެއްވުމަށް މިއަދު ބޭއްވި ޚާއްސަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުންނެވެ. މިއީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިއްވެވި ތިންވަނަ ރިޔާސީ ބަޔާނެވެ.
އެގޮތުން ރައީސް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ދާއިރާއަށް އިސްކަންދީގެން މި ސަރުކާރުން ކުރިއަށްދާ ކަމަށެވެ. އަދި މިހާތަނަށް 349 މިލިއަން ރުފިޔާ އެސްއެމްއީތަކަށް ދޫކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ސަރުކާރުން ރާއްޖޭގެ ވިޔަފާރިތަކުގެ ބިލްތަކަށް މިދިޔަ އަހަރު 6.3 ބިލިއަން ރުފިޔާ ދެއްކި. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިނަ އަހަރުވެފައިވާ 882 މިލިއަން ރުފިޔާގެ ބިލްތަކަށް، މިހާތަނަށް 469 މިލިއަން ރުފިޔާ ވަނީ ދައްކާފަ“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އެސްއެމްއީ ކުރިއަރުވަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އޮންލައިން ޕޭމެންޓް ސިސްޓަމެއް ނެތުން ކަމަށާއި، އެކަމަށް ރާއްޖެއަށް ތައާރަފު ކުރާ ޕޭޕަލްގެ ޚިދުމަތް ލިބޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ދިވެހި އުފެއްދުމެއް ކަމަށްވާ ސްވިފްޓް ވެސް މިހާރު، ބައިނަލްއަގުވާމީ ޕޭމެންޓް ނިޒާމެއްގެ ގޮތުގައި ތައާރަފުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



