ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ ދެ މެންބަރަކު ހުއްޓާނުލައި އިހުތިޖާޖު ކުރުމުގެ ސަބަބުން، އެ ދެ މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވާ ޖަލްސާގައި އެމްޑީޕީ މެންބަރުން އިހްތިޖާޖު ފެށީ ރައީސް މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަން ފެށިތާ 20 ވަރަކަށް މިނެޓު ފަހުންނެވެ. އެ އިހްތިޖާޖަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުރަތަމަ ފުރުސަތު ދެއްވި ނަމަވެސް، އެމްޑީޕީގެ މެންބަރުންގެ ނަން އިއްވަން ފެއްޓެވީ އިދިކޮޅުގެ އިހުތިޖާޖުގެ ސަބަބުން ރައީސް މުޢިއްޒުގެ ވާހަކަފުޅު މެދުކަނޑާލެއްވުމުންނެވެ.
އެގޮތުން މިހާތަނަށް ނަން އިއްވައި ބޭރުކޮށްފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އާއި ވައިކައިރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އެވެ.
އެމްޑީޕީ މެންބަރުން އިހްތިޖާޖު އެންމެ ފުރަމަމަ ފެށީ ކަށިގަނޑު ފުމެ، އަޑުގަދަ ކުރަމުންެނެވެ. އަދި އެ މަނިކުފާނު ހައްދަވަނީ އިތުރުފުޅު ކަމަށް ވިދާޅުވެ، ރައީސް މުޢިއްޒުގެ އިސްތިއުފާއަށް ވެސް ގޮވަމުންދިޔައެވެ.
އޭގެ ފަހުން ރައީސް މުޢިއްޒުގެ ޕޯޑިއަމްއާ ކޮންމެވެސް ވަރަކަށް ކައިރިއަށް ޖެހި، ޕޯސްޓަރު ހިފައިގެން ތިބެ އެމްޑީޕީގެ ބައެއް މެންބަރުން އިހްތިޖާޖު ކުރަން ފެށިއެވެ. އެއާ އެކު، ރައީސް މުއިއްޒު ވާހަކަ މެދުކަނޑާލައްވައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުްރަހީމްއަށް އިޝާރާތެއް ކުރެއްވިއެވެ.




