އައްޑޫ ސިޓީއަކީ ރާއްޖޭގެ ފުރަތަމަ ވިޔަފާރި ހަބަށް ހެދުމަށްޓަކައި، ދައުލަތަށް ދައްކަންޖެހޭ ބިމު ކުއްޔާއި އިންކަމް ޓެކްސް ނުނަގާ ގޮތަށް އެ ސަރަހައްދުގައި އިންވެސްޓުކުރާ ވިޔަފާރިތަކަށް ލުއިދީ، އިންވެސްޓުކުރުމުގެ ފުރުސަތު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުޅުވާލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފައްޓަވާދެއްވުމަށް މިއަދު ބޭއްވި މި ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވަނީ މިކަން އިއުލާނު ކުރައްވާފައެވެ.
އެގޮތުން ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރީތައް އިތުރުކޮށް، ކުރިއަރުވައި މަގުފަހިކުރުވުމުގެ ގޮތުން ރާއްޖޭގެ ކަނޑައަޅޭ ވަކި ސަރަހައްދުތަކެއް، ކަނޑައެޅޭ ވަކި މުއްދަތުތަކަަކަށް ގިނަ ލުއިތަކަކާ އެކު ކުދި އަދި މެދުފަންތީގެ އިންވެސްޓްމަންޓުތަކަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
”މިގޮތުން، ބިމު ކުއްޔާއި އިންކަމް ޓެކްސް ފަދަ ސީދާ ވިޔަފާރިތަކުން ދައުލަތަށް ދައްކާ ޓެކްސް ނުދައްކާ ގޮތަށް ހަމަޖެއްސުމާއި އެހެނިހެން އިންސެންޓިވްތައް ދިނުން ހިމެނޭ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެ ލުއިތަކާ އެކު، އައްޑޫގައި އިންވެސްޓުކުރަން ހުޅުވާލާނީ، އަންނަ އަހަރުން ފެށިގެން ތިން އަހަރުގެ މުއްދަތަކަށް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


