މިއަހަރުގެ އޭޕްރިލް މަހު ރާއްޖޭން ދައްކަން ޖެހޭ ބައި ބިލިއަން ޑޮލަރުގެ ސުކޫކުގެ އެއްބައި ދެއްކުމަށްފަހު، ވޭތުވެދިޔަ ސަރުކާރުތަކާ ޚިލާފަށް، ސުކޫކު ރީފައިނޭންސްކުރާނީ އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓަށް ވުރެ އިތުރުނުވާނެ ފަދަ ގޮތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފައްޓަވައިދެއްވުމަށްޓަކައި ބޭއްވި ޚާއްސަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ މި ސަރުކާރަށް އޮތް އެންމެ ބޮޑު މާލީ ނުތަނަވަސްކަމަކީ ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރުން 2017ވަނަ އަހަރު ބައިނަލްއަގުވާމީ މާކެޓުން އޭރު ނެގި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑު އަދާކުރުމަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ނެގި ބައި ބިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދައްކަން ޖެހުން ކަމަށެވެ.
އަދި ދެވަނައަށް ދިމާވި އެންމެ ބޮޑު ދައްޗަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ރާއްޖޭގެ އިގުތިޞާދީ ހާލަތާ ބެހޭގޮތުން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ތައްޔާރުކުރި ރިޕޯޓުގައި، ރާއްޖެ އޮތީ ދަރަނިތައް ދެއްކޭ ވަރަށް ވުރެ ގޯސް ހާލަތެއްގައިކަން ބަޔާންކޮށްފައި އޮތުން ކަމަށް، ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވެރިކަމާ ހަވާލުވުމަށްފަހު، މި ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރަމުން އަންނަނީ އޭޕްރިލް މަހު ސުކޫކު އަނބުރާ ދެއްކުމަށް ފަރުވާތެރިކަމާއެކު ތައްޔާރުވަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވިދާޅުވިގޮތުގައި މިހާރުވެސް އެސްޑީއެފަށް މި ސަރުކާރުން 275 މިލިއަނަށްވުރެ ގިނަ ޑޮލަރު ޖަމާކޮށްފައިވެއެވެ.
ރައީސް ވިދާޅުވީ، މިއާއެކު ސުކޫކުގެ ގޮތުގައި ދައްކަންޖެހޭ ބައި ބިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރު އަދާކުރުމަށް ރާވާފައިވަނީ އެސްޑީއެފަށް ޖަމާކުރި ބޭރު ފައިސާއިން ކަމަށެވެ.
”މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން މި ދަނީ ފާއިތުވި ސަރުކާރުތަކުން ދިވެހި ރައްޔިތުންނަށް ވާރުތަކޮށްފައި ދިޔަ ބުރަބޮޑު ދަރަނީގެ ދަންތުރައިން މިންޖުކޮށް، އެކަމަށް ތަސައްލީއެއް ހޯދައި، މާލީގޮތުން ދިވެހި ގައުމަށް އަދަށްވުރެ ފަހި އަދި ފާގަތި ނަތީޖާއެއް ހޯދައިދިނުމަށް“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އޭޕްރިލް މަހު ސުކޫކު އަދާކުރާނީ ދަރަނި އަދާކުރުމުގެ ބުރަ ބޮޑުނުުވާނެ ގޮތަށް، ދަރަނީގެ ދެމެހެއްޓެނިވިކަން ހާސިލުވާނެހެން ކަމަށެވެ.



