ފުޓްބޯޅައިގެ ވަރުގަދަ 4 ބެއިންކަމަށްވާ އަލީ ސުޒޭން، މުހައްމަދު ނަޒީހު، އިބްރާހީމް ސިނާޒް (ސިނާ) އަދި އަހުމަދު ރިޔާޒް (ގާނާ) ގެ ބައްޕަ ހަސަން އަލީ ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
ހަސަން އަލީ އަކީ ކްލަބް އީގަލްސްގެ އެންމެ ފުރަތަމަ މަސްއޫލުވެރިޔާ ވެސް މެއެވެ. އޭނާ ނިޔާވިއިރު އުމުރުން 78 އަހަރެވެ.
ސިފައިންގެ ތެރޭގައި ކުރިން މަސައްކަތްކުރި ހަސަން އަލީ ނިޔާވީ، އޭނާގެ ލޭގެ ޕްރެޝަރު ދަށްވެގެން މިދިޔަ ބުރާސްފަތި ދުވަހު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރުނަމާދަށްފަހު އާ ސަހަރާ މިސްކިތުގައެވެ.
ހަސަން އަލީ ބޮޑަށް ފާހަގަ ވެގެން ގޮސްފައިވަނީ، އީގަލްސް ަޓީމަށް ހުނަރުވެރި ކުޅުންތެރިންތަކެއް ނެރެދީ، ކާމިޔާބީތަކެއް ވެސް ހޯދައިދިން އެއް ފަރާތް ކަމުގައެވެ.
އެގޮތުން ފުޓްބޯޅައިގެ ޝައުގުވެރިކަން ހުރެ، އުމުރު ހަމަނުވާތީ ކްލަބަކަށް ރެޖިސްޓްރީ ނުވެވި ތިބި އެތައް ޒުވާނުންތަކަކަށް ހަސަން އަލީ އެ ފުރުސަތު ހޯދައިދިނެވެ. ހަސަން އަލީ ވަނީ އީގަލްސްގެ ނަމުގައި އެ ޒުވާނުންނަށް ކްލަބް ރަޖިސްޓަރީ ކޮށްދިނުމުގެ އިތުރުން، ފަށައިގަތުމަށް އެހެން ގޮތްގޮތުން ވެސް އެ ޒުވާނުންނަށް އެހީތެރިވެފައެވެ.
ކްލަބް އީގަލްސް ވެގެންދިޔައީ، ވިކްޓްރީން 2002 ވަނަ އަހަރު ގައުމީ ތަށި ދެ ވަނަ ފަހަރަށް މިލްކުކުރިއިރު އެ ކްލަބަށް ކުޅުނު އިމްރާން މުހައްމަދު، ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ) ފަދަ ކުޅުންތެރިން ފުރަތަމަ ޑިވިޝަނަށް ނެރުނު ކްލަބަށެވެ. އެކަމުގައި ހަސަން އަލީގެ ދަރިންގެ ހިއްސާ ވެސް ވަރަށް ބޮޑެވެ.
އެ ފަހަރު ހަސަން އަލީގެ ފުށުން ގަލޮޅު ދާދަރާގެޔަށް ގައުމީ މުބާރާތުގެ ހަތަރު މެޑަލް ވަނެވެ. އޭރު ސުޒޭނަކީ ވިކްޓްރީގެ އެސިސްޓަންޓް ކޯޗެވެ. ގާނާ އަކީ ގޯލްކީޕަރު ޓްރެއިނަރެވެ. އަދި ނަޒީހާއި ސިނާ އަކީ ކުޅުންތެރިންނެވެ.
ހަސަން އަލީގެ ދަރިންގެ ތެރެއިން ސުޒެއިނަކީ ވިކްޓްރީ އާއި ވެލެންސިއާ އަށް ކުރިން ކުޅުނު، އަދި މިހާރު ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ކޯޗެވެ. ވިކްޓްރީ އާއި މާޒިޔާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު، މިހާރު އޭނާ އަކީ ވާދަވެރި ނިއު ރޭޑިއަންޓުގެ ކޯޗެވެ.
ނަޒީހަކީ، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރުންގެ ތެރެއިން އެކެކެވެ. ވިކްޓްރީގެ އިތުރުން ނިއު އަށް ވެސް ކުޅުނު ނަޒީހު ވަނީ 1998 އިން 2004 އަށް ގައުމީ ޓީމުގައި ވެސް ހިމެނިފަ އެވެ. މިހާރު އޭނާ އަކީ ވެސް ފާހަގަކޮށްލެވޭ ކޯޗެކެވެ.
ސިނާ އަކީ ވިކްޓްރީގެ އިތުރުން ނިއު އާއި ވީބީ އައްޑޫ އެފްސީ އަށް ކުޅެފައިވާ ހުނަރުވެރި ޑިފެންޑަރެކެވެ. ފަހުން ވިކްޓްރީގެ ބޯޑުގައި ވެސް މަސައްކަތްކުރި އެވެ.
ގާނާ ވަނީ ވިކްޓްރީގެ ކީޕަރުން ޓްރެއިން ކުރުމުގައި 30 އަހަރު މަސައްކަތްކޮށްދީފަ އެވެ. އެ ޓީމުގެ އެންމެ ކާމިޔާބު ދުވަސްތަކުން ފެށިގެން، ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް، ނުމެކެވި ނުމެދިރި އޮތްއިރު ވެސް ގާނާ ވަނީ ކްލަބުގެ އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.



