އަންނަ އޭޕްރިލް މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، 80 ޕަސެންޓަށް ވުރެ މަތިން ޕީއެންސީ ކާމިޔާބު ކުރާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާ ވެރިއެއް ކަމަށް ވާތީ، ރަށްރަށުގައި ފަށާފައިވާ މަޝްރޫއުތައް ނިންމުމަށްޓަކައި ކައުންސިލްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ އިބްރާހިމް ފަލާހު ރޭގައި ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހދ. ކުޅުދުއްފުށިން ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރަން އެ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިނު މެނޭޖަރުކަންވެސް ކުރައްވަމުން ގެންދަވާ ފަލާހު ވިދާޅުވީ، އޭޕްރީލް ހަތަރު ވަނަ ދުވަހުގައި ވޯޓުކަރުދާހުގައި ލާ ފާހަގައަކުން ކުރިމަގު ބޭނުންވާ ގޮތް ނިންމޭނެ ކަމަށެވެ.
”އެ ދުވަހު ނިންމާނެ ތިޔަބޭފުޅުންގެ ދަރިންނާއި ރަށާއި ސިޓީ އާއި ގައުމަށްޓަކައި ކުރިއަށް ދާން، ކުރިއަރަން ރަނގަޅު ގޮތް ބޭނުންވާ ބައެއްތޯ ނުވަތަ އޮތް ގޮތަށް ސިޓީތަކުގެ ތަރައްގީ ބާއްވަން ބޭނުންވާނެ ބައެއްތޯ،“ ފަލާހު ވިދާޅުވި ލއެވެ.
އެއާއެކު އޭނާ ވިދާޅުވީ، ރައީސް މުޢިއްޒުގެ ވެރިކަމުގެ ”ޒައާމަތް“ ވާނީ ރާއްޖޭގެ ތާރީހުގައި ވެސް ނުދެކޭ ވަރުގެ ތަރައްގީގެ ޒައާމަތަކަށް ކަމަށެވެ.



