ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީގެ ވެބްސައިޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
އެ މިިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 15ގެ ކުރިން އެކަމަށް އެދި މެއިލް ފޮނުވަން އެދިފައެވެ. އަދި މި މަހުގެ 26ވަނަ ދުވަހުގެ ހެނދުނު 10:30އަށް ހޯމް މިނިސްޓްރީ ހިންގާ ވެލާނާގެ 10ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ވެސް ވަނީ އެދިފައެވެ.
ހޯމް މިނިސްޓްރީގެ އެ އިއުލާނާއެކު ހިމަނާފައިވާ ”ޓާމް އޮފް ރިފެރެންސް“ގައި ބުނެފައިވާގޮތުން ވެބްސައިޓުން ފަސޭހަކަމާއި ސައްހަކަމާ އެކު ވަގުތުން ވަގުތަށް ދިވެހި ރައްޔިތުންނާއި ސަރުކާރުގެ އިދާރާތަކާއި އަދި ބޭރުގެ ކަމާ ބެހޭ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދެވެން ޖެހޭނެއެވެ.
ޓާމްސް އޮފް ރިފަރެންސްގައި ބުނެފައިވާ ގޮތުން އެ މަސައްކަތް ހަވާލުކޮށް ސޮއިކުރާާތާ 10ހަފްތާ ތެރޭ ވެބްސައިޓުގެ މަސައްކަތް ނިންމަން ޖެހޭނެއެވެ.
ހޯމް މިނިސްޓްރީގެ ވެބްސައިޓު އަލުން ފަރުމާކުރަން ނިންމިއިރު މި ސަރުކާރުން މިހާރު ދަނީ ޑިޖިޓަލައިޒޭޝަންގެ މަސައްކަތް ވަރަށް ބޮޑަށް ފުޅާކުރަމުންނެވެ.



