ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ އަކީ އިނގިރޭސި ވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށް އިނގިރޭސި ވިލާތުން ބުނެފިއެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށާއި އެހެންވެ އެތަން މޮރިޝަސްއާ ހަވާލުކުރަން އިންކާރު ކުރާ ކަމަށް ބުނެ ރާއްޖޭން އިނގިރޭސި ސަރުކާރަށް ދެ ސިޓީއެއް ފޮނުވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ. އަދި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނާނެކަން ގަބޫލުކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޯގަސްޓް 22، 2022 ގައި މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަން ރައީސް މުއިއްޒު ވަނީ ސިޓީއެއް ފޮނުއްވައިފައެވެ.
ނަމަވެސް ތުރުކީ ސަރުކާރުން ހިންގާ ނިއުސް އެޖެންސީއެއް ކަމަށްވާ ”އަނަދުލު އަޖަންސީ“ އިން މި މައްސަލާގައި އިނގިރޭސި ވިލާތުގެ ފޮރިން އޮފީހާ ސުވާލުކުރުމުން ބުނީ ޗާގޯސްގެ ސިޔާދަތީ ބާރާ މެދު މައްސަލަ އޮތީ މޮރިޝަސްއާ ދެމެދު ކަމަށެވެ.
”އެތައް ކޯޓަކުން، ހުކުމަކުން އަދި އެކި އިދާރާތަކުން ވަނީ ޗާގޯސްގެ ސިޔާދަތީ ބާރުގެ ސުވާލު އޮތީ ޔޫކޭ އާއި މޮރިޝަސްއާ ދެމެދުގައިކަން ސާފުވެފައި،“ ރާއްޖޭގެ ޑިމާންޑާ ގުޅޭ ގޮތުން ސުވާލުކުރުމުން ފޮރިން އޮފީހުން ބުނެފައިވެއެވެ.




