އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރުމުގެ އަހަރު ފާހަގަކުރަން ތައްޔާރުވާން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
”ވިޒިޓް މޯލްޑިވްސް އިޔަރ“ ގެ ގޮތުގައި 2027 ވަނަ އަހަރު ފާހަގަކުރަން ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ، މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފައްޓަވައިދެއްވައި، މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ފަތުރުވެރިކަމުގެ އަހަރު ގޮތުގައި މިއަންނަ އަހަރު ފާހަގަކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާ، ރައީސް މުޢިއްޒު ވިދާޅުވީ، މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށް އިތުރުކުރުމަކީ އަމާޒެއް ކަމަށެވެ. އަދި މިކަން ހާސިލްކުރުމަށް ރާއްޖެ ޕްރޮމޯޓް ކުރުމަކީ އެންމެން ޝާމިލުވާ ޤައުމީ މަސައްކަތެއްގެ ގޮތުގައި ހައްދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒް ވިދާޅުވީ ”ވިޒިޓް މޯލްޑިވްސް އިޔަރ“ ސަރުކާރުން ފާހަގަކުރަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 55 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެން ކަމަށެވެ. އަދި މިފަދަ އަހަރެއް ފާހަގަކުރަން ނިންމެވުމަކީ މި ސިނާޢަތަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަމިއްޔާތުކަމުގެ ނިޝާނެއް ކަމަށް ވެސް ވިދާޅުވިއެވެ.
ނިޔާޒްވަނީ ފަތުރުވެރިކަމުގެ އަހަރު ފާހަގަކުރުމަށް މިހާރު މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަށް ޚާއްސަކޮށް ކޮމެޓީއެއް އެކުލަވާލައި ކޮމެޓީގެ މަސައްކަތް ފަށާފައިވާ ކަމަށް ނިޒާޔު ވިދާޅުވިއެވެ.
އެގޮތުން އެ ކޮމިޓީގައި ހިމެނޭ ފަރާތްތަކަކީ:
° ޓޫރިޒަމް މިނިސްޓްރީ
° ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
° މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
° އައިލޭންޑް އެވިއޭޝަން ސާވިސެސް
° މަޓީ
° ބޯޓިން އެސޯސިއޭޝަން
° މަޓާޓޯ




