ސައުދީގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ނައިބް، ވަލީދު އަލްހަރީޖީއާ ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާ ސަފީރު އަހުމަދު ސަރީރު، ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީފުޅެއް އަރުވައިފިއެވެ.
ފޭސްބުކްގައި ސަފީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވަލީދުއާ ބައްދަލުކުރައްވާފައި ކަމަށާއި އެ ބައްދަލުކުރެއްވުމުގައި ވަނީ މުއިއްޒުގެ ސިޓީފުޅެއް ވެސް އަރުވާފައިވާ ކަމަށެވެ.
ސަފީރު ވިދާޅުވީ އެ ސިޓީފުޅަކީ، ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން އެ ގައުމުގެ ވަލީއަހުދު، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒަށް ރައީސަށް ފޮނުއްވި ސިޓީފުޅެއް ކަމަށެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ރައީސް މުއިއްޒު ވަނީ ސައުދީ އަރަބިއްޔާއަށް ވަޑައިގެން އެ ގައުމުގެ ވަލީއަހުދާ ވެސް ބައްދަލުކުރައްވައިފައެވެ.
ރައީސްގެ އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާއި އިންވެސްޓްމަންޓާއި އިގްތިސާދީ ދާއިރާ އާއި އަމިއްލަ ވިޔަފާރިތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވާފައިވެއެވެ.




