ރާއްޖޭގެ އުތުރުން އެންމެ ގިނަ ޑޮލަރާއި ފައިސާ ވެއްދޭނީ ހދ. ކުޅުދުއްފުއްޓަށް ކަމަށާއި އެކަން ކުރެވޭނީ ކުރަން އެނގޭ ބަޔަކަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭގައި ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް، ޕީއެންސީގެ ފަރާތުމް ކުޅުދުއްފުށީ ސިޓީގެ ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރ ޝިޔާމް ވިދާޅުވީ ކުޅުދުއްފުއްޓަކީ އުތުރުގެ އިގްތިސާދީ ނާރެސް ކަމަށާއި އެއީ އެންމެ ވަރުގަދަ އިގްތިސާދު އޮތް އެއް ރަށް ކަމަށެވެ.
އެގޮތުން އުތުރުގެ ތަރައްގީގެ މަސައްކަތްތަކުން އެންމެ ގިނަ ޑޮލަރާއި ފައިސާ ލިބިގެން އޮތް ސިޓީއަކީ އެއީ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ އެކަމުން މަންފާ ހޯދަން އެނގޭ ސަރުކާރަކަށް ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ބޭނުމެއް ނޫން ފިނިއަށި އަޅާ ބައެއް މިއަދަކު. މި ކުޅުދުއްފުށި ސިޓީ މިއީ ބޮޑު ސިޓީއެއް. ވަރުގަދަ އިގްތިސާދެއް. ދިވެހިރާއްޖޭގެ އުތުރުގެ އިގްތިސާދީ ނާރެސް މިއީ. އުތުރުގެ ތަރައްގީގެ ދޮރާށިން އެންމެ ގިނަ ޑޮލަރާއި ފައިސާ ވެއްދޭނީ މިސިޓީއަށް.އެކަމަކު އެކަން ކުރަން އެނގޭ ބަޔަކަށްތާ އެކަން ކުރެވޭނީ“ މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.



