އައްޑޫ ސިޓީ ހުޅުމީދޫގެ ފިޝަރީޒް ކޮންޕްލެކްސްއިން ބޭނުން ކުރަމުންދާ މިފްކޯ ބަނދަރުގެ ތަރައްޤީކުރުމުގެ މަސައްކަތް އޭޕްރީލް މަހުގެ ނިޔަލަށް ނިމޭނެކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިންމާލާފައެވެ.
ހުޅުމީދޫ މިފްކޯ ބަނދަރަކީ 2019 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ ބަނދަރުގެ މަސައްކަތަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަނީ، އެ ބަނދަރުގެ ހާލަތު އޮތް ގޮތުން މަސްކިރުވުމުގައާއި، ބަނދަރަށް ބޮޑެތި ބޯޓުތަކަށް ވަދެ އުޅުމުގައި ދަތިވާތީއެވެ.
މި މަސައްކަތާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސައިޓް މެނޭޖަރ ޖަވާދު އަލީ ވިދާޅުވީ މި މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ބަނދަރުގެ މަސައްކަތް ނިމޭނެކަމަށް ވިދާޅުވިއެވެ.
”ޕޭމަންޓު އެޅުމުގެ މަސައްކަތް. ޕޭމަންޓާއެއްކޮށް ރޭމްޕު އެޅުން ކުރިއަށް ދަނީ. 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައި. އުންމީދަކީ ދެމަސް ތިންމަސް ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރުން“ ޖަވާދު ވިދާޅުވިއެވެ.


