މި ހިނގާ ފެބްރުއަރީ މަހު އެމްއެންޑީއެފް އިން ”އުނދުން ނިވާލިންތޯ“ ގެ ޝިޔާރުގެ ދަށުން ކުރިއަށްގެންދިޔަ އަލިފާނުން ރައްކާތެރިވުމުގެ ހަފްތާގެ ހަރަކާތްތައް ނިންމާލައިފިއެވެ.
މުޅިރާއްޖެއަށް ބަހާލައިގެން މިމަހުގެ 1 އަކުން 7 އަކާއި ހަމައަށް ކުރިޔަށް ގެންދިޔަ މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މާލެ ސަރަހައްދުން އަމީނިއްޔާ ސްކޫލާއި، މުހްޔިއްދީން ސްކޫލް، ހުޅުމާލޭގެ ރެހެންދި ސްކޫލް އަދި ސަލާހުއްދީން ސްކޫލުގައެވެ. މީގެ އިތުރުން އަތޮޅުތަކުގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގެގައި ވެސް މިހަރަކާތް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އެމްއެންއެޑީއެފުން ވަނީ މި ހަރަކާތުގައި ބައިވެރިވި މީހުންނަށް، ފަޔަރ ބްލޭންކެޓް ބޭނުންކޮށްގެން އަލިފާން ނިއްވަން ދަސްކޮށްދީ، ރައްކާތެރި ގޮތުގައި އަލިފާން ބޭނުން ކުރާނެ އުކުޅުތައް ދަސްކޮށްދިނުމުގެ އިތުރުން ބަދިގެ ތެރޭގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި ކަރަންޓުގެ ޒަރިއްޔާއިން ހިނގާ އަލިފާނުގެ ހަދިސާތަކުގެ މަޢުލޫމާތު ވެސް ރައްޔިތުންނަށް ފޯރުކޮށްދީފައެވެ.
އަލިފާނުން ރައްކާތެރިވުމުގެ ހަފްތާގެ އެންމެ ފަހު ސެޝަން ރޭ 20:00 އިން 22:00 އަށް ހުޅުމާލެ ފެސް 1 ގެ ރެހެންދި ސްކޫލުގައި ވަނީ ބާއްވާފައެވެ. މިސެޝަނާއެކު މިހަރަކާތް ނިމުނު ކަމުގައި ވިޔަސް އަދިވެސް އަލިފާނުން ރައްކާތެރިވެ ތިބުމަށް ދަސްކޮށްދޭ އިތުރު ހަރަކާތްތައް މިއަހަރުގެ ކުރިއަށް އޮތް ތަނުގައި ކުރިއަށްދާނެކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.




