ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކުގެ ބޯ ފަޅައިގެން ގޮސްފިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށްދާ ހައިވޭ ލޭނުގައެވެ.
މަންޒަރު ދުށް ބައެއް މީހުން ”ސައުވީސް“ އަށް މައުލޫމާތު ދެމުން ބުނީ، މައްސަލައެއް ދިމާވެގެން ހައިވޭގައި މަޑުކޮށްފައި އޮތް ކާރެއްގެ ފަހަތުން އައި ކާރެއް ޖެހިގެން ކަމަށެވެ. އަދި މަޑުކޮށްފައި އޮތް ކާރުގައި އިން ޑްރައިވަރު އެވަގުތު ވިއްސައިގެން ގޮސް ޖެހިގެން އޮތް ހުޅުމާލެއިން މާލެއަށްދާ ލޭނަށް ވެއްޓިފައިވާ ކަމަށް ވެސް މައުލޫމާތު ދިނެވެ.
މި ހާދިސާގައި އެ ޑްރައިވަރުގެ ބޯ ފަޅައިގެން ގޮަސް، ކަނާތު ކޮނޑު ހުޅުން ވެސް ނެއްޓިފައިވާކަމަށް އޭނާއަށް އެވަގުތު އެހީތެރިވި ބައެއް މީހުން މައުލޫމާތު ދިނެވެ.
މީގެއިތުރުން ޖެހުނު އަނެއް ކާރު، އެނބުރިގެން ގޮސް 4 ސައިކަލެއްގައި ވެސް ޖެހުނު ކަމަށާއި އެތަނުން އެއް ސައިކަލު ދުއްވަން އިން މީހާ އެވަގުތު ކާރެއްގެ ދަށަށް ވެއްޓުނު ކަމަށާއި އޭނާއަށް ވެސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ދިވެހި ހަތަރު ފިރިހެނަކަށެވެ. އަދި އެ މީހުންނަށް އައިޖީއެމްއެޗްގައާއި ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މިރޭ މެންދަމު 00:55 ހާއިރެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އެކްސިޑެންޓު ހިނގަން މެދުވެރިވީ މާލެއިން ހުޅުމާލެއަށް ދާން އޮންނަ ފަޅީގައި، ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގައި އެހެން ކާރެއް ފަހަތުން ޖެހި، ދުއްވާފައި ދިޔަ ކާރު ސައިކަލު ލޭނަށް ފުރޮޅާލައި އިތުރު 4 ސައިކަލެއްގައި ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި 4 މީހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.




