އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިއާ ދެ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ރާއްޖޭގައި ދެން ތިބޭނީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މުވައްޒަފުން ކަމަށް ދިފާއީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ދިފާއީ ވުޒާރާ، އެމްއެންޑީއެފް އަދި ހާރިޖީ ވުޒާރާ އިން ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ އަސްކަރީ އުޅަނދުތައް އޮޕަރޭޓް ކުރުމަށް އިންޑިއާއިން ފޮނުވާފައިވާ މަދަނީ ފަރާތްތަކަކީ އެ އުޅަނދުތައް އުފެއްދި ކުންފުނި ކަމަށް ވާ، ”ހިންދުސްތާން އެއިރޮނައުޓިކްސް ލިމިޓެޑް“ ކުންފުނީގެ މުވައްޒަފުން ކަމަށެވެ. އަދި އެ ފަރާތްތަކުން ޖަވާބުދާރީ ވާނީ ސީދާ ޑިފެންސް މިނިސްޓްރީ އަށާއި އެމްއެންޑީއެފް އަށް ކަމަށް ވަޒީރު ޢައްސާން ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މަދަނީ ފަރާތްތަކުން އުޅަނދުތައް އޮޕަރޭޓް ކުރަން ތިބުމުން މި އުޅަނދުތަކުގެ ފުރިހަމަ ސިޔާދަތު އޮތީ ދިވެހިންގެ އަތުގައި ކަން ކަށަވަރު ވާ ކަމަށެވެ. އަދި ސީދާ ދިވެހި އަސްކަރިއްޔާގެ ހުއްދައެއް ނެތި އެއިން އެއްވެސް އުޅަނދެއް ނުދުއްވޭނެ ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އަނބުރާ ޤައުމަށް ދިޔަ އިންޑިއާ ސިފައިންގެ ބަދަލުގައި މިހާރު ތިބޭނީ 76 މަދަނީ މީހުން ކަމަށެވެ. އަދި އެއީ އޮޕަރޭޝަންތައް ހިންގުމަށް މީހުން ބޭނުންވާ ސީދާ އަދަދު ކަމަށް ވަޒީރު ވިދާޅުވިއެވެ.
އުޅަނދުތައް އޮޕަރޭޓް ކުރުމަށް އިންޑިއާއިން އައި މަދަނީ ފަރާތްތަކުން ތިބި ތަންތަން ކަމަށް ހާރިޖީ ވަޒީރު ވިދާޅުވީ:
ސ. ގަމުގައި 26 މީހުން
ހދ. ހަނިމާދޫގައި 25 މީހުން
ލ. ކައްދޫގައި 25 މީހުން
ދިފާއީ ވަޒީރު ޣައްސާން ވިދާޅުވީ ދިވެހި އަސްކަރިއްޔާއިން މި އުޅަނދުތައް ދުއްވުމުގެ ޓްރެއިނިން ފުރިހަމަ ކޮށްފައިނުވާ ކަމަށާއި، ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ލައިސަންސް އޮތް ބަޔަކު ދިވެހި ސިފައިންގެ ތެރޭގައި އަދި ނެތް ކަމަށެވެ.



