ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓީމު ރޫޅާލުމަށް ދޮގު ޚަބަރުތައް ފަތުރަމުން ދާތީ، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެފަދަ ފަރާތްތަކަށް ރައްދު ދެއްވައިފި އެވެ.
ޑރ. މުއިއްޒުގެ ޓީމު ރޫޅާލުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަަކަށް ރައްދު ދެއްވައި އަބްދުއްރަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ޙަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް، އެ މަނިކުފާނަށް ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ދިވެހީންނުކުމެ ސާބިތުކޮށްދެއްވުމުން އެކަން ބަލައި ނުގަނެވިގެން އެ މަނިކުފާނުގެ ޓީމު ރޫޅާލުމަށް އިތުރަށް ފަތުރާ ދޮގު ޚަބަރުތައް ފަތުރަމުން ދާކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، ޓީމު ރޫޅާލުމަށް ދޮގު ޚަބަރުތައް ފަތުރާ ފަރާތްތަކަށް، އެމީހުން އަމިއްލައަށް ފަޟީޙަތްވުންނޫން އިތުރުކަމެއް ހާސިލު ނުވާނެކަމަށެވެ. އަދި، ރައީސް ޑރ.މުޢިއްޒާއެކު ޓީމު އޮތީ ބަދަހިކޮށްކަމަށާއި،ދިވެހީންދާނީ މުޢިއްޒު ދުވެލީގައި ގައުމައިގެން ކުރިޔަށްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގައްޔާއި، އިންތިޚާބަށްފަހު ރައީސް ޑރ. މުހައްމަދު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުންވެސް، އިދިކޮޅު ފަރާތްތަކުން ދަނީ ޑރ، މުއިއްޒަށާއި، އެމަނިކުފާނުގެ ސިޔާސަތުތަކަށާއި، އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް އަމާޒުކޮށް ފާޑު ކިޔަމުންނެވެ. އެންމެ ގިނައިން ފާޑު ވިދާޅުވަމުން ގެންދަވަނީ ޕީޕީއެމް ދޫކޮށް ގޮސް ޕީއެންއެފްއާއި ގުޅިފައިވާ ފަރާތްތަކެވެ. މީގެ އިތުރުން އިދިކޮޅު އެމްޑީޕީންވެސް ދޭތެރެ ދޭތެރެއިން މުއިއްޒުއަށާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ފާޑުކިޔަމުން ދެއެވެ.
މި ހުރިހައި ފާޑިކިޔުންތަކަށް ބެލުމެއްނެތި ޑރ. މުއިއްޒާއި ޓީމުންވަނީ ނިމިގެން ދިޔ މަޖިލިސް އިންތިޚާބުގެ ސުޕަރ މެޖޯރިޓީ ހޯދާފަ އެވެ. އަދި މިނިވަން ކެންޑިޑޭޓޫންގެ ގޮތުގައި އިންތިޚާބުވި މެންބަރުންތަކެއްވެސް ވަނީ ސަރުކާރު ހިންގާ ކޯލިޝަންއާއި ގުޅިވަޑައިގެންފަ އެވެ.



