ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، ޖަރުމަނުވިލާތުގެ ރައީސްގެ ރަސްމީ ގަނޑުވަރު ”ޝްލޮސް ބެލްވިއު“ އިން މިއަދު ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ރައީސް އެ ގަނޑުވަރަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރއެވެ.
މި އިސްތިޤްބާލުގެ ރަސްމިއްޔާތުގައި ދެ ޤައުމުގެ ރައީސުން ވަނީ އޮނަރ ގާޑު ބައްލަވައިލައްވާފައެވެ. އެއަށްފަހު، ރާއްޖޭގެ ވަފުދުގެ ބޭފުޅުންނާއި ޖަރުމަނުވިލާތުގެ އިސް އޮފިޝަލުން ދެ ބޭފުޅުންނަށް ތަޢާރަފުކޮށްދެއްވުން އޮތެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން، ރައީސް ވަނީ ޝްލޮސް ބެލްވިއުގެ މެހުމާނުންގެ ފޮތުގައި ސޮއިކުރައްވައި، ޖަރުމަނުގެ ރައީސާއެކު ރަސްމީ ފޮޓޯއެއް ނަންގަވާފައެވެ.
ރައީސް މުޢިއްޒު ޖަރުމަނުވިލާތަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.




