މާލޭ ސަރަޙައްދުން ދަތުރުދާން ޚާއްޞަކޮށްގެން ސަރުކާރުން ތަރައްޤީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް އިން ރައްޔިތުންނަށް ވަރަށް ފުރިހަމަ ޚިދުމަތްތަކެއް ކުރިމަގުގައި ލިބިގެންދާނެކަމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ފަޒުލް ވިދާޅުވީ، އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ކުޑަގިިރި އިތުރު ވަސީލަތްތަކާއެކު ތަރައްގީކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނަކަމަށެވެ. އަދި ކުރިމަގުގައި އެރަށުން ވަރަށް ފުރިހަމަ ޚިދުމަތްތަކެއް ރައްޔިތުންނަށް ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ. އެހެންނަމަވެސް މިވަގުތު ގެންނަ އެއްވެސް ބަދަލެއް ހާމަކުރައްވާފައެއް ނުވެއެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭގޮތަށް ތަރައްޤީކޮށްފައިވާ ރަށެކެވެ. ބަންދުދުވަސްތަކުގައި ހިލޭ އެރަށަށް ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު އެރަށުގައި ފުޓްސަލްއާއި ވޮލީވެސް ކުޅެވޭގޮތަށް އަދި ވޯޓާ ސްލައިޑްއާއި ކުޑަކުދިން ކުޅޭ ސަރަޙައްދާއި މިސްކިތާއި ޗޭންޖިން ރޫމާއި ރީޓެލް ފިހާރައާއި ކެފޭފަދަ ބޭނުންވާ މި ނޫންވެސް އެތައް ޚިދުމަތަކާއެކު ޢާއިލާއާ ރަހުމަތްތެރިންނާއެކު އުފާވެރި ޖަޒީރާވަންތަ ވަގުތުކޮޅެއް ހޭދަކޮށްލެވޭގޮތަށް ތަރައްޤީކޮށްފައިވާ ރަށެކެވެ. ހަމަ އެހެންމެ އެރަށުގައި ބާބެކިއު ހަދާނެ ތަންތަނާއި ހަޓްތައް ހުރުމުގެ އިތުރުން ދަތުރުދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އިންތިޒާމުތަކެއް ހަމަޖައްސާފައިވެއެވެ.


