ރާއްޖެއިން ހޯދަމުންދަނީ ކުރުމުއްދަތަކަށް މަސައްކަތްކުރާނެ އިންވެސްޓަރުންނެއް ނޫން ކަމަށާއި، ހޯދަނީ ބިނާކުރަނިވި ގޮތެއްގައި މަސައްކަތްކޮށް، ޒިންމާދާރުކަމާ އެކު އިންވެސްޓް ކޮށް، ދިގު މުއްދަތަކަށް ދެމިގެންދާނެ ހައްލުތަކަށް އެހީތެރިވެދޭނެ ބައިވެރިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު ޖަރުމަނުވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބާލިންގައި ކުރިއަށްގެންދިޔަ، މޯލްޑިވްސް- ޖަރުމަން ބިޒްނަސް ރައުންޑްޓޭބަލްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރަސްމީ ރިޒާވް ރެކޯޑު މިންވަރަކަށް މަތިކުރެވި، ބޭރުފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިފައިވާ ކަމަށެވެ.
އަދި ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގައި ގެނެވިފައިވާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ މާލީ އަހުލާގު ދެމެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމަށެވެ.
”މިފަދަ އީޖާބީ ކުރިއެރުންތަކުގެ ސަބަބުން، ރާއްޖެއާމެދު އިންވެސްޓަރުންގެ މެދުގައި އިތުބާރު އިތުރުވެ، ގޫގްލް ފަދަ ފަންނިއްޔާތުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގައި އިންވެސްޓް ކުރަމުންދޭ،“ ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރެވޭ އިތުބާރު އިތުރުކުރުމުގައި ޖަރުމަނުގެ އިންވެސްޓަރުންނާއި، ޓުއާ އޮޕަރޭޓަރުންނާއި، މާލީ މުއައްސަސާތަކުން އަދާކޮށްފައިވާ ފާހަގަކޮށްލެވޭ ދައުރުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި 2027 ވަނަ އަހަރަކީ ”ވިޒިޓް މޯލްޑިވްސް އިއާ” ކަމުގައި ކަނޑައަޅުއްވާފައިވާ ކަމަށާއި އެ ހަރަކާތުގައި ބައިވެރިވުމަށް، ޖަރުމަނުގެ އިންވެސްޓަރުންނަށް ރައީސް ވަނީ ދައުވަތު އެރުއްވާފައެވެ.
މީގެ އިތުރުން، އިންވެސްޓްކުރުމުގެ އާންމު މޮޑެލްތަކުގެ އިތުރުން، ދާދި ފަހުން އިފުތިތާޙުކުރި، ”ޕްރޮޖެކްޓް އައިލާ – ސަސްޓެއިނަބަލް ޓައުންޝިޕް“ ފަދަ މަޝްރޫއުތައްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި އެކަނި އޮވެގެން އެއްވެސް ގައުމަކަށް ކުރިއެރުމެއް ނުހޯދޭނެ ކަމަށާއި، މި ޒަމާނުގައި ކުރިއެރުން ހޯދެނީ އެކުގައި މަސައްކަތް ކޮށްގެން އިތުބާރު ދަމަހައްޓައިގެން ކަމަށެވެ.




