އެމެރިކާގެ މަޝްހޫރު ޓައިމް ނޫހުން ހޮވާ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަން ހިމަނައިފިއެވެ.
މިއަހަރަށް ހާއްސަކޮށް އެކުލަވާލި މި ލިސްޓުގައި ރައީސްގެ ނަން ހިމަނާފައިވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމަށް އެމަނިކުފާނު ދެއްވާ ހާއްސަ އިސްކަމުގެ ސަބަބުންނެވެ.
ޓައިމް ނޫހުން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއިން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ”ޖެނަރޭޝަން ބޭން“ އެއް ތައާރަފްކޮށް، އެ ސިޔާސަތު ތަންފީޒުކުރި ފުރަތަމަ ގައުމަށް ވެފައެވެ. މި ނިންމުމުގެ ދަށުން 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން އުފަންވި އެއްވެސް މީހަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.
މިއީ 2023 ވަނަ އަހަރު އިންތިހާބުވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ ދުޅަހެޔޮ ކަމަށް ހާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާ ރައީސް މުއިއްޒުގެ މުހިންމު އިސްނެންގެވުމެއް ކަމަށް އެ ނޫހުން ސިފަކުރެއެވެ.
މީގެ އިތުރުން، ރާއްޖޭގައި ވޭޕާއި އީ-ސިނގިރޭޓް އެތެރެކުރުމާއި ވިއްކުން މަނާކުރި ނިންމުމަށް ވެސް ޓައިމް ނޫހުން ވަނީ އަލިއަޅުވާލާފައެވެ.
ސަރުކާރުގެ ބައެއް ސިޔާސަތުތަކަކީ ހަރުކަށި ފިޔަވަޅުތަކެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރި ނަމަވެސް، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކްލިނިކްތަކެއް ގާއިމްކުރުމާއި، 24 ގަޑިއިރު ހިދުމަތް ދޭ ނަފްސާނީ ދުޅަހެޔޮކަމުގެ ހެލްޕްލައިނެއް ތައާރަފްކުރުން ފަދަ އިންސާނީ ވަސީލަތްތައް ގާއިމްކޮށްފައިވާކަން ވެސް އެ ނޫހުން ފާހަގަކުރެއެވެ.
ހަމައެއާއެކު، މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ވާރުތަވުން މުޅިން ހުއްޓުވި ފުރަތަމަ ގައުމުގެ ޝަރަފު ރާއްޖެއިން ހޯދާފައިވާކަން ޓައިމް ނޫހުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.




