ޖަރުމަންވިލާތުގައި ކުރިއަށްދާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މިނިސްޓަރު މިހާރު ވަނީ ޖަރުމަންވިލާތުގެ މިއުނިކަށް ވަޑައިގެންފައެވެ.
މި މަހުގެ 13 އިން 15 އަށް ކުރިއަށްދާ މި ކޮންފަރެންސަކީ ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ މުހިންމު އެއް މަޝްވަރާ ބައްދަލުވުމެވެ. މިއަހަރުގެ ކޮންފަރެންސްގައި ދުނިޔޭގެ 120 ޤައުމަކުން 1000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.
މިނިސްޓްރީން ބުނިގޮތުގައި، ބައިނަލްއަޤްވާމީ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖެ ތަމްސީލް ކުރައްވައި، އެއް ވިސްނުމެއްގައި މަސައްކަތް ކުރާ ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް މިނިސްޓަރު މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުން، ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް މި ދަތުރުފުޅުގައި މަސައްކަތް ކުރެވޭނެ ކަމަށް ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ޑރ. ޚަލީލް މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަންވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އަރިހުގައި ބައިވެރިވެވަޑައިގަތުމަށް ފަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފައެވެ.


